ސިޔާސީ

ބައިނަލްއަގްވާމީ ދުނިޔޭގައި އެމެރިކާއިން އަދާ ކުރަމުންދާ ރޯލަށް ރައީސްގެ ތަޢުރީފް


ބައިނަލްއަގްވާމީ ދުނިޔޭގައި އެމެރިކާއިން އަދާ ކުރަމުންދާ ރޯލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ތައުރީފް ކުރައްވައިފިއެވެ.

އެމެރިކާގެ 243ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޮނުއްވެވި ސިޓީފުޅެއްގައި ރައީސް ސާލިހް ވިދާޅުވެފައިވަނީ އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެމެރިކާގެ ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް އަރިސް ކުރާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެމެރިކާގެ ބާނީ ތޯމަސް ޖެފްރަސަން މީގެ ދެ ގަރުނުކުރިން ވިދާޅުވި ވާހަކަތަކާ އެއްގޮތަށް އެ އަސާސުތަކުގެ މަތީގައި އެމެރިކާ އަދިވެސް ހިފަހައްޓަމުންދާ ކަމަށާއި އެއާއެކު އެމެރިކާއިން ވަނީ މުޅި ދުނިޔޭގެ ލޯބި ހޯދާފައި ކަމަށެވެ.

ރައީސްގެ ސިޓީފުޅުގައި ރާއްޖެއިން ޑިމޮކްރަޓިކް ވެއްޓަކަށް ބަދަލުވަމުން އަންނައިރު އެމެރިކާގެ ތާރީހާއި ސަގާފަތުން ދިވެހިން އިބުރަތް ހާސިލް ކުރަންޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖެއާ އެމެރިކާގެ ގުޅުން ބަދަހިވާނެތަން ދެކެން ބޭނުންވެއްވާ ކަމަށެވެ.