ސިޔާސީ

އެގްރީމަންޓުތައް "އެފުށް މިފުށަށް" ޖަހާކަށް ޔާމީނަށް ވެރިކަމެއް ނުދޭނެ - ނަޝީދު


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހަދާފައިވާ އެއްވެސް އެގްރީމަންޓެއް ބަދަލު ކުރުމުގެ ފުރުޞަތެއް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދިވެހި ރައްޔިތުން ދެން ނުދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ހަދާފައިވާ ހުރިހާ އެގްރީމަންޓެއް އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބުމުން "އެފުށް މިފުށަށް" ޖަހާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޒިންމާދާރުކަމެއް ނެތި އެގްރީމެންޓްތައް އެފުށް މިފުށަށް ޖެހުމުން ދައުލަތަށް ލިބުނު މާލީ ގެއްލުންތައް އެތައް ބިލިއަނަކަށް އަރާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ލިބޭ ގެއްލުމަށް ބަލައިލުމެއް ނެތި އަނެއްކާވެސް އެގްރީމެންޓްތައް އެފުށް މިފުށަށް ޖަހަން ވިދާޅުވުމީ ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު ކަމަށް ރައީސް ނަޝީދުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓު --

ގިނަ ދުވަސްތަކަކަށްފަހު ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނާއި އެކު ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރު މިހާރުގެ އިދިކޮޅު ފަރާތްތަކަށް ލިބޭ ދުވަހަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހަދާފައިވާ އެގްރިމެންޓުތައް ބަދަލު ކުރާނެ ކަމަށެވެ.

"މާތްﷲގެ ރަހުމަތާ އެކު ސަރުކާރު ބަދަލުވެއްޖެ ނަމަ ނުވަތަ އަޅުގަނޑުމެންގެ ބާރު ހިނގާ ސަރުކާރެއް އަތުވެއްޖެ ނަމަ މި ހުރިހާ އެގްރިމަންޓެއް އެފުށް މިފުށަށް ޖަހާނަން،" ސަރުކާރާއި ދެކޮޅަށް ވަރަށް ފޯރީގައި އަޑު އުފުލަމުން ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ބާތިލް ކުރައްވާނެ އެއްވެސް އެގްރީމަންޓެއްގެ ތަފްސީލެއް ޔާމީނެއް ހާމައެއް ނުކުރެއެވެ.