ވިޔަފާރި

ބޭނުންވަނީ ވީހާވެސް ކުޑަ އަގެއްގައި އިންޓަނެޓް ފޯރުކޮށްދޭން - ރައީސް


ސަރުކާރުން މަސައްކަތްކުރަނީ ވީހާވެސް ކުޑަ އަގެއްގައި ރައްޔިތުންނަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އިންޓަނެޓްގެ އަގުހެޔޮކުރުމުގެ މަސައްކަތް ގޮސްފައި އޮތް ހިސާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ޓެކްނޮލޮޖީ މިނިސްޓްރީން މިހާރުވެސް ހުށަހެޅުމެއް ހުށަހަޅާފައިވާކަމަށެވެ. އެ ހުށަހެޅުމުގައި އިންޓަނެޓްގެ އަގުތައް ހެޔޮކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ޓެކްނޮލޮޖީ މިނިސްޓްރީން ހުށަހަޅާފައިވާ ހުށަހެޅުމުގައިވާ އަގުތަކަށްވުރެވެސް ހެޔޮ އަގުތަކެއް އިންޓަނެޓަށް ކަނޑައެޅުންކަމަށް ރައީސް ވިދާޅުވިއެވެ.

"އިންޓަނެޓްގެ އަގުހެޔޮކުރުމަށް އަޅުގަނޑަށް ގެނެސްދީފައި އެބައޮތް ޕްރޮޕޯސަލެއް ގެނެސްސަ، އަގުހެޔޮކޮށްފައި އެބަހުރި އެކި ދިމާލުން. އެކަމަކު އެއީ އަދި އެންމެ ރަނގަޅު ގޮތްކަމަށް އަޅުގަނޑަށް ޤަބޫލުނުކުރެވޭތީ، އެވާހަކަ އަދިވެސް ދެކެވެމުން މިދަނީ، ސައިންސް އެންޑް ޓެކްނޮލޮޖީން ވަރަށް މަސައްކަތްކުރައްވާ އެކަމުގައި ގޮތެއް ހޯދޭތޯ، އެހެންވީމާ މިހާރު އަޅުގަނޑާ ހަމައަށް ގެނެސްފައި އޮތް ލިޔުމުގައި އެބަހުރި އަގުތަކަށް ބަދަލުތަކެއް އައިސްސަ، ކުޑަކުރެވިފައި، އަދިވެސް އަޅުގަނޑުމެން މިމަސައްކަތްކުރަނީ އެއަށްވުރެ ރަނގަޅަށް އެއަށް ބަދަލުތަކެއް ގެނެވޭތޯ. އެއަށްފަހު ޚިއްސާކުރާނަން" އިންޓަނެޓްގެ އަގު ހެޔޮކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތަކާއެކު ސަރުކާރުން މަޝްވަރާކުރަމުންދާއިރު، އިތުރު ކުންފުނިތަކަށް ފުރުޞަތުދީގެންވެސް އިންޓަނެޓްގެ އަގުހެޔޮކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށްކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާއިރު ރާއްޖޭއަކީ ނިސްބަތުން އިންޓަނެޓްގެ އަގު ބޮޑު ޤައުމެކެވެ. އެހެންކަމުން އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.