ސިޔާސީ

އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް ރާއްޖެއަކަށް ބޭނުމެއްނުވޭ- ޝަރީފް


ރާއްޖެއަށް އިލެކްޓްރޯނުކް ވޯޓިން ނިޒާމެއް ޤާއިމްކުރުމުގެ ވިސްނުމެއް ނެތްކަމަށާއި ނަމަވެސް އިންތިޚާބުތަކަށް ރައްޔިތުންކުރާ އިތުބާރު ބޮޑުކުރަންޖެހޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފު މިހެން ވިދާޅުވީ 18 ވަނަ އިލެކްޓޯރަލް އެފެއާޒު ސިމްޕޯޒިއަމްގެ 18 ވަނަ ބައްދަލުވުން ފެށުމަށް ޕެރަޑައިސް އައިލެންޑް ރިސީޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އިންތިޚާބުތަކުގައި ވޯޓުލުމަށް އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް ރާއްޖެއަށް ތަޤާރަފްކުރުމުގެ ވިސްނުމެއް ނެތްކަމަށާއި، އެއީ ރާއްޖެފަދަ އާބާދީ ކުޑަ ޤައުމަކަށް އެންމެ އެކަށޭނަ ނިޒާމެއް ނޫންކަމަށެވެ. ނަމަވެސް އިންތިޚާބުތަކަށް ރީ-ރަޖިސްޓަރ ކުރުމުގައި އިލެކްޓްރޯނިކް އާލަތްތައް ބޭނުންކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ޝަރީފު ވިދާޅުވިއެވެ.

އިންތިޚާބުތަކަށް ރައްޔިތުންކުރާ އިތުބާރު ބޮޑުކުރަންޖެހޭކަމަށާއި، އިންތިޚާބުތަކުގައި ފާހަގަކުރެވޭ ކަންކަން ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ ވިސްނުމާއެކީ ބަދަލުގެންނަމުންދާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމެއް ނެތް އިލެކްޓްރޯނިކް ނިޒާމެއް ތައާރަފްކުރުމުގައި ސަބަބަކީ ރާއްޖެއަކީ އާބާދީކުޑަ ޤައުމަކަށްވާތީ. މިހާރުވެސް ރާއްޖޭގައި ބާއްވާ ހުރިހާ އިންތިޚާބަކީ ދެފުށް ފެންނަ އިންސާފްވެރި އިންތިޚާބުތަކެއް." ޝަރީފު ވިދާޅުވިއެވެ.


ތަފާތު އެކި މަޢުޟޫތަކަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި އަންހެނުންނާއި ޒުވާނުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވުމަށް ހުރި ހުރަސްތަކަކީ ކޮބައިތޯ ބެލުން މި މައުޟޫއަށް މަޝްވަރާކުރާނެއެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ އިންތިޚާބުތަކުގެ ކެމްޕެއިންތަކުގައި އަންހެނުން އިސްދައުރެއް އަދާކުރާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިންތިޚާބުތަކުގައި ވާދަކުރުމަށް އަންހެނުން ފަސްޖެހޭކަމަށާއި، އަންހެނުންނަށް އިންތިޚާބުތަކުގައި ވާދަކުރެވޭނެ ފަސޭހަ ނިޒާމެއް އޮންނަންޖެހޭކަމަށް މާރިއާ ވިދާޅުވިއެވެ.

" އިންތިޚާބުތަކުގައި އަންހެނުން ވާދަކުރާ ނސްބަތް އިތުރުވާން އެބަޖެހޭ. އިންތިޚަބުތަކުގައި އަންހެނުންވެސް ފަސްނުޖެހި ކުރިމަތިލާންޖެހޭ. އަޅުގަނޑު ޤަބޫލުކުރަނީ މިހާރު ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 6 އަންހެންބޭފުޅުން ތިއްބެވުމަކީ ފެށުމެއް ކަމަށް." މާރިއާ ވިދާޅުވިއެވެ.

މި މަހާސިންތާގެ މަޤްޞަދަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުުމަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންތައްތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ތަޖުރިބާކާރު ބޭފުޅުންނާއެކު ހުނަރު ހިއްސާކޮށް މަޝްވަރާކުރުމެވެ. ނަވާރަ ޤައުމެއްގެ އިންތިޚާބުތަކާބެހޭ އެންމެ އިސްވެރިން މި މަހާސިންތާގައި ބައިވެރިވާއިރު ބައިނަލްއަޤްވާމީ 24 ޖަމިއްޔާއަކުން 58 ފަރާތަކުން ބައިވެރިވެއެވެ.