ދަޢުލަތުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން 2.5 މިލިއަން ރުފިޔާއަށްވުރެ ކުޑަ މަޝްރޫޢުތަކަށް ހަމައެކަނި ކުރިމަތިލެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްކަމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ފިނޭންސް މިނިސްޓްރީ މިގޮތަށް ކަނޑައަޅުއްވާފައިވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން ތަންފީޒުކުރެއްވުމަށްށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރަން ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ މިދިޔަމަހުގެ 12 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
މި ސިޔާސަތަށް ޢަމަލުކުރަން ފެށުމުން، ސަރުކާރާއި، މިނިވަން މުއައްސަސާތަކުން އަދި ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން، ކުރާ އިޢުލާންތަކުގައި ބިޑް ކުރުމަށް ހުޅުވާލެވޭއިރު އެ އިޢުލާން ކުރާ ޕްރޮޖެކްޓެއްގެ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ދަށްނަމަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭންޖެހެއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކުގެ ޕްރޮކިއުމަންޓް އަދި ޑިއުޓީ މަޢާފު އުސޫލަށްވެސް އިސްލާހު ގެނައުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ވިޔަފާރިތަކަށް ސަރުކާރުން ނުވަތަ ސަރުކާރުގެ ކުންފުނިތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ އަވަހަށް ދެއްކުމަށް ބާރުއެޅޭގޮތަށް ކަންކަން ބައްޓަންކުރުމަކީވެސް ސަރުކާރުގެ ސިޔާސަތަކެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދުގެ 70 އިންސައްތައަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވުމުން، އެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ލޯނު ދިނުމަށް ޚާއްސަކޮށް އެސްޑީއެފްސީގެ ނަމުގައި ބެންކެއްވެސް ޤާއިމްކޮށްފައެވެ.