ވިޔަފާރި

ޖޫންމަހު ލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު %38 ދަށަށް


ޖޫންމަހު ލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު %38 ދަށަށް ހިނގައްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޖޫންމަހު ލަންކާއަށް ދަތުރުކޮށްފައިވަނީ 3350 ދިވެހިންނެވެ.

އޭޕްރީލްމަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ޙަމަލާތަކަށްފަހު އެޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ދަނީ އޭގެ އަސަރުކުރަމުންނެވެ. އެގޮތުން ސްރީލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖޫންމަހު އެޤައުމަށް ޒިޔާރަތްކޮށްފައިވަނީ 63،072 ފަތުރުވެރިންނެވެ. މިއީ ހުސްވި އަހަރުގެ އެ މުއްދަތުގައި އެޤައުމަށް ޒިޔާރަތްކޮށްފައިވާ 146،828 ފަތުރުވެރިންނާއި އަޅާބަލާއިރު، %57 ދަށް އަދަދެކެވެ.

ލަންކާއަށް ފަސްވަނައަށް އެންމެ ގިނަ އަދަދަކަށް ދަތުުރުކުރަނީ ދިވެހިންނެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ޖޫންމަހު ލަންކާއަށް ދަތުުރުކޮށްފައިވާ ދިވެހިންގެ އަދަދުވަނީ %38 ދަށަށް ގޮސްފައެވެ. އެގޮތުން ޖޫންމަހު ލަންކާއަށް ދަތުރުކޮށްފައިވަނީ 3350 ދިވެހިންނެވެ.

ސްރީލަންކާގެ ޓޫރިޒަމް ޕްރޮމޯޝަން ބިއުރޯއިން ހާމަކުރާގޮތުގައި، އެޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން މޭމަހު ދުވާލެއްގެ މައްޗަށް 1200 ފަތުރުވެރިން ލަންކާއަށް ޒިޔާރަތްކުރާ ކަމަށް ރެކޯޑް ކުރެވިފައިވާއިރު، ޖޫންމަހުގެ ފަހުކޮޅު މިއަދަދުވަނީ 2،500 އަށް އިތުރުވެފައެވެ.

ޖޫންމަހު ލަންކާއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގޮތުން އެޤައުމުން 15048 ފަތުރުވެރިންވަނީ ލަންކާއަށް ޒިޔާރަތްކޮށްފައެވެ.

ސްރީލަންކާގެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށްވެފައިވުމާއެކު ޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދަނީ ބޮޑެތި ގެއްލުންތައްވަމުންނެވެ. އެގޮތުން ރިސޯޓް އަދި ހޮޓާތަކުން ދަނީ ޙަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރަމުންނެވެ.