ވިޔަފާރި

ރިސޯޓް ތަރައްޤީކުރުމަށް ދޭ މުއްދަތު އިތުރުކޮށްދިނުމަށް އައު ޤަވާއިދެއް


ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި، ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމާބެހޭ އައު ގަވާއިދަށް ޢަމަލުކުރަން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ޖުލައި މަހުގެ 2 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" ވުޖޫދުވެ، އެއަށް ޢަމަލުކުރުމަކީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް އިންވެސްޓަރުންނަށް ހެޔޮ ގޮތްތަކެއް ފަހިކޮށްދީ އިންވެސްޓަރ ކޮންފިޑެންސް ވަރުގަދަވެ ރައްޔިތުންގެ އުއްމީދުތަކަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް އެކި ފަރާތްތަކުން ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓުތަކެއް ކަމަށްވާއިރު، މި ގަވާއިދު އެކުލަވާލުމުގެ މައިގަނޑު މަޤުޞަދަކީ، ތަރައްޤީކޮށް ނިމިފައިނުވާ ތަންތަން އަވަހަށް ތަރައްޤީކޮށް ނިންމުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީ، އެތަންތަން އަވަހަށް ނިންމުމަށް އެ ފަރާތްތަކަށް ހިތްވަރުދިނުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިންވެސްޓުކުރާ ގިނަ ފަރާތްތަކަށް އެކި ގޮންޖެހުންތައް ދިމާވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މި އިންވެސްޓްމަންޓުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންގޮސް ނިންމުމަށް ސަރުކާރުން ފޯރުކޮށްދެވެންހުރި އެހީތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ސަރުކާރަށް ޤަބޫލުކުރެއެވެ.

މީގެ ސަބަބުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަޒީފާގެ އިތުރު ފުރުސަތުތަކާއި، ފަރުދީ ފުދުންތެރިކަން އިތުރު ކުރެވިގެން ދާނެކަމަށްވެސް ސަރުކާރުން ދެެކެއެވެ.

ކޮންސްޓްރަކްޝަން ޕީރިއަޑްގެ މުއްދަތު އިތުރުކުރުމުގެ އިޖުރާއަތެއްގެ ގޮތުގައި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) މަޝްރޫއުތައް ހިންގުމަށްވަނީ ޝަރުތުކޮށްފައެވެ. އަދި ސީ.އެސް.އާރު މަޝްރޫއުތައް ހުށަހަޅާނީ ބަޔާންކުރެވުނު ގަވާއިދުގައިވާ ގޮތުގެ މަތިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށްކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެެއެވެ.

މިފަދައިން، ސީ.އެސް.އާރު ނެގުމުގެ ޖަދުވަލެއް ހިމެނުމުގެ މައިގަނޑު މަޤްސަދަކީ ކުރިން ޢަމަލުކުރަމުންދިޔަ އުސޫލާއި ޚިލާފަށް އުސޫލެއްގެ ބަދަލުގައި ގަވާއިދެއް ހެދި ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތެއްގައި ކަންކަން ހަރުދަނާ ކުރެވި އިސްލާޙު ކުރެވިގެން ދިޔުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.