ވޯލްމާޓުން ޗައިނާގައި ހިންގާ ވިޔަފާރިތައް ފުޅާކުރުމަށް އިތުރު 1.2 ބިލިއަން ޑޮލަރު އެޤައުމުގައި އިންވެސްޓްކުރަން އެކުންފުނިން ނިންމައިފިއެވެ.
ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެކި ބާވަތުގެ މުދާ ރީޓެއިލްކޮށް ވިއްކާ ވޯލްމާޓުން ބުނީ ޗައިނާގައި ހުޅުވާފައިވާ އައުޓްލެޓްތައް ފުޅާކުރުމަށް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި 1.2 ބިލިއަން ޑޮލަރު ނުވަތަ 8 ބިލިއަން ޔުއާން އިންވެސްޓްކުރުމަށް ނިންމާފައިވާކަމަށެވެ.
ޗައިނާގައި އިންވެސްޓްކުރާ މިންވަރު އިތުރުކުރުމަށް ވޯލްމާޓުން ނިންމާފައި މިވަނީ، އޮންލައިން ވިޔަފާރިކުރާ ފަރާތްތަކާއެކު ޗައިނާގައި ރީޓެއިލް ވިޔަފާރީގެ ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ވޯލްމާޓުން 1.2 ބިލިއަން ޑޮލަރު ޗައިނާގައި އިންވެސްޓްކުރުމަށް ނިންމާފައިވާއިރު އޭގެ ތެރެއިން ބޮޑު ބައެއް އިންވެސްޓްކުރާނީ ކާބޯތަކެތީގެ ޑެލިވަރީގެ ވިޔަފާރިއަށެވެ.
ޗައިނާގައި 1996 ވަނަ އަހަރުން ފެށިގެން ވިޔަފާރިކުރަމުން އަންނަ ވޯލްމާޓުން ވަނީ ދާދިފަހުން ޑެލިވަރީކުރުމުގެ މަސައްކަތަށް ޑިސްޓްރިބިއުޝަން ސެންޓަރެއް ޤާއިމްކުރުމަށްވެސް 102 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ. މީގެ އިތުރުން ޗައިނާގެ ބައެއް ކުންފުނިތަކާއެކު ވިޔަފާރިތައް ފެށުމުގެ މަސައްކަތްވެސް ވޯލްމާޓުން ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ޗައިނާގެ ޑެލިވަރީ މަސައްކަތްކުރާ ކުންފުންޏަކަށްވެސް ވޯލްމާޓުން ވަނީ 300 މިލިއަނެއްހާ ޑޮލަރު އިންވެސްޓްކޮށްފައެވެ.
މިއަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށް ވޯލްމާޓުން ވަނީ ޗައިނާގައި 443 ފިހާރައެއް ހުޅުވާފައެވެ. އަދި އެތަންތަނުން ވަނީ 10.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް މިދިޔަ އަހަރު ހޯދާފައެވެ.