ވިޔަފާރި

އެސްޓީއޯގެ ވެއަރހައުސް ސޭލް ފަށައިފި


ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެސްޓީއޯގެ ވެއަރހައުސް ސޭލް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ އިއްޔެ ފެށި މި ސޭލް ފަސް ދުވަހަށް ކުރިއަށްދާނެކަމަށެވެ. އަދި އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މި ސޭލް ކުރިއަށްދާނީ ކޮންމެ ރެޔަކު އަށަކުން އެގާރައަށް އަމީނީމަގުގައި ހުންނަ އެސްޓީއޯ ސުޕަރމާޓް ގުދަނުގައިކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ސޭލް އޮންނަ ފަހު ދެ ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށްވެސް ސޭލް ކުރިއަށްދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

މިސޭލްގެ ތެރެއިން އިލެކްޓްރޯނިކް ސާމާނާއި ގޭތެރޭގައި ގެންގުޅޭ ސާމާނު އަދި ބަދިގެއަށް ބޭނުންވާ ސާމާނު ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ވެއަރ ހައުސް ސޭލް ކުރިއަށްދާއިރު ސޭލަށް ޒިޔާރަތް ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ދޫކުރާނެކަމަށާއި އަދި ކޮންމެ ރެއަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އިނާމް ލިބިގެންދާނެކަމަށެވެ.

އެސްޓީއޯގެ ވެއަރހައުސް ސޭލްއަކީ އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ބާވަމުން އަންނަ ސޭލްއެކެވެ.