ވިޔަފާރި

ހުޅުމާލޭ ބީޗް ސަރަޙައްދު ހުސްކުރަން އަންގައިފި


ހުޅުމާލޭ ބީޗް ސަރަޙައްދު އެކި ބޭނުންތަކަށް ބޭނުންކުރާ ފަރާތްތަކުން އެތަންތަން ހުސްކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓުން ކޯޕަރޭޝަން، އެޗްޑީސީން އަންގައިފިއެވެ.

އެޗްޑީސީން ބުނީ މިމަސް ނިމުމުން ހުޅުމާލޭގެ ފުރަތަމަ ފޭސްއާއި ދެވަނަ ފޭސްގެ ނަރުދަމާއާއި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް ފެށުމަށް އެމްޑަބްލިޔުއެސްސީން ނިންމާފައިވާކަމަށެވެ. އަދި އެމަސައްކަތް ކުރިއަށްދާނީ ބައެއް ފަރާތްތަކުން ކެފޭ ހިންގުމަށް މޭޒާއި ގޮނޑި ޖަހާފައިވާ ސަރަޙައްދު ހިމެނޭގޮތަށްކަމަށް އެޗްޑީސީން ބުނެއެވެ. އެހެންކަމުން ހުޅުމާލެ ފުރަތަމަ ފޭސްގެ ބީޗް ސަރަޙައްދު މިހިނގާ ޖުލައިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުސްކުރުމަށް އެތަންތަން ބޭނުންކުރާ ފަރާތްތަކަށް އަންގާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ގުޅާލުމުގެ މަސައްކަތް ކުރިއަށްދާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ 15 މިލިއަން ޑޮލަރުގެ މަސައްކަތެކެވެ.

ފެނާއި ނަރުދަމާގެ މަސައްކަތަށް ބީޗް ސަރަޙައްދު ހުސްކުރުމަށް އެޗްޑީސީން އަންގާފައިވާއިރު، މީގެ ކުރިންވެސް އެޗްޑީސީން ވަނީ އެސަރަޙައްދުގައި ހިންގާ ކެފޭތައް ހުސްކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެޗްޑީސީން ވަނީ ފަހުން އެމަސައްކަތް ހުއްޓާލާފައެވެ.