ވިޔަފާރި

ވެކޭޝަން އެކްސްޕޯއާއި އެފް.އެންޑް.ބީ ޝޯވ ފަށައިފި


4 ވަނަ ވެކޭޝަން އެކްސްޕޯއާއި އެފް.އެންޑް.ބީ ޝޯވ ފަށައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިއަހަރުގެ ވެކޭޝަން އެކްސްޕޯއާއި އެފް.އެންޑް.ބީ ޝޯވ ފަށްޓަވައިދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބް މުޙައްމަދުއެވެ.

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެފްއެންބީ ޝޯވއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބާއްވާ އެފްއެންޑްބީ ޝޯވއެވެ. މިހަރަކާތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެފްއެންޑްބީ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ހޯލް ސޭލް އަދި ރީޓެއިލްކުރާ ފަރާތްތަކުގެ ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު އެއްތަނަކުން ލިބޭނެއެވެ.

ވެކޭޝަން އެކްސްޕޯއަކީ ޗުއްޓީއާ ދިމާކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގެ މަންޒިލްތަކަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް އެމަންޒިލްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ އެކްސްޕޯއެކެވެ. އެގޮތުން މިއެކްސްޕޯގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާއާއި އެއަރލައިން އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވާނެއެވެ.

މިއަހަރުގެ ވެކޭޝަން އެކްސްޕޯއާއި އެފް.އެންޑް.ބީ ޝޯވ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތިދުވަހުގެ ނިޔަލަށް ދަރުބާރުގޭގައެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން އެގާރައަށް ވެކޭޝަން އެކްސްޕޯއާއި އެފް.އެންޑް.ބީ ޝޯވ ކުރިއަށްދާނެކަމަށް މިހަރަކާތް އިންތިޒާމްކުރާ ހައިރައިޒުން ބުނެއެވެ.

ހައިރައިޒުން ބުނީ މިއަހަރުގެ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްސަ އިނާމްތަކެއް ކަނޑައަޅާފައިވާކަމަށެވެ.