މުނިފޫހިފިލުވުން

"މާމުއި" ނުބަލާ ދޫކޮށް ނުލާތި ވަރަށް ސަޅި


ފެށުނީއްސުރެ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ގިނަ ބަޔަކު އިންތިޒާރު ކުރި މާމުއިގެ ފުރަތަމަ ޝޯ އާއި އެކު އެތައް ބައެއްގެ ތައުރީފު ފިލްމަށް އޮއްސާލައިފިއެވެ

"މާމުއި" އޮލިމްޕަހުގައި ޕްރިމިއަރ ކުރީ މިދިޔަ އަންގާރަދުވަހުގެ ރެއެވެ. ފިލްމްގެ ފުރަތަމަ ޝޯއާއި އެކު މާމުއި ވަނީ މުޅި ސޯޝަލް މީޑިއާ ފަތަހަކޮށްފައެވެ.

ހައުސްފުލްކޮށް އޮލިމްފަހުގައި އެޅުވި ފިލްމަށް ގިނަ ބަޔަކު އަންނަނީ އަދިވެސް ތައުރީފު ކުރަމުންނެވެ. ގިނަ ބަޔަކަށް މި ފިލްމު ވަރަށް ކަމުދިޔައިރު އަނެއްބަޔަކަށް މި ފިލްމަކީ މިހާތަނަށް ބެލި އެންމެ މަޖާ، އެންމެ ހެއްވާ ރީތި ފިލްމަށް ވަނީ ވެފައެވެ. އެހާވެސް ފިލްމު ގެނެސްދީފައިވާ ގޮތް ކަމުދިޔައެވެ. މުޅި ތިއޭޓަރު ތެރެއިންވެސް އިވެމުންދިޔައީ ފިލްމްގެ މަޖާ ޑައިލޮގްތަކާއި މަންޒަރުތަކަށް މީހުންގެ ހުނުމުގެ އަޑެވެ.

ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ މާމުއި ފުޅިއެއް ހޯދަން ބަޔަކު އުޅޭ ގޮތެވެ. ޢެންމެ ފަހުން އެކަން ނިމެނީ ހިތައްވެސް ނާރާގޮތަށެވެ. ފިލްމްގެ ވާހަކަ މިއަށްވުރެ ބޮޑަށް ކިއާދޭކަށް ނޭގޭނެއެވެ. ސަބަބަކީ ފިލްމެގައި ގެނެސްދީފައިވާ މިންވަރާ ގާތަށްވެސް މިހެން ކިޔާ ނުދެވޭނެތީއެވެ.

މި ފިލްމު ފުރިހަމަކޮށްދެނީ ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ މޮޅު އެކްޓިން އިންނެވެ. ކާސްޓުންގެ ތެރޭގައި އިސްމާއިލް ޖުމާހް (ޖުމާ)، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބު، ހަމްދާން ފާރޫގް، އަހްމަދު ސުނީ ، އަބްދުﷲ ޝިފާއު (ފުބޫ) އަދި އިތުރު ތަރިންތަކެއް ފެނިގެން ގޮސްފައިވެއެވެ. މިއާއެކު ކުރީގެ މަޝްހޫރު ތަރި އިސްމާއިލް ވަޖީހު އަދި ލިޔަމް ޖޯންވެސް ފިލްމުގެ ތަންކޮޅަކުން ފެނިގެންދެއެވެ. އިންޑަސްޓްރީއަށް މުޅިން އަލަށް ނުކުތް އައިޝަތު ޔާދާވެސް އޭނާގެ ހުނަރު ދައްކާލާފައިވަނީ ވަރަށް ތަފާތުކޮށެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރި މި ފިލްމުން ޑާކްރެއިން އެންޓަރޓެއިންމަންޓުގެ މަގުސަދުވަނީ ހާސިލްކޮށްފައެވެ. ފިލްމުގެ ޕްރިމިއަރ ނައިޓްގައި ވާހަކަ ދައްކަމުން ޗިއްޕެ ބުނީ މި ފިލްމަކީ ޑާކްރެއިންގެ އެންމެ ބޮޑު، އެންމެ އަގުބޮޑު އަދި އެންމެ ބުރަ ފިލްމު ކަމުގައެވެ. އަދި ޑާކްރެއިންގެ މަގުސަދަކީ މޮޅެތި ރީތި ފިލްމުތަކެއް ބެލުންތެރިނަށް ގެނެސްދިނުން ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

ޑާކްރެއިންގެ ފިލްމު ތަކަކީ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދަމުން އަންނަ ފިލްމު ތަކެކެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު އެއް ސްޓޫޑިއޯއެވެ.

ޗިއްޕެ އެ ބުނީ ތެދެކެވެ. މިހާތަނަށް އެންމެ ބޮޑު ކާސްޓަކާއި އެކު އުފެއްދި މި ފިލްމުގައި ފޫހި ހަމަ އެންމެ މަންޒަރެއްވެސް ނެތެއެވެ. ހީ ހި ބަނޑަށް ތަދުވެއްޖެއެވެ. ޑައިރެކްޝަނާއި ސްކްރީން ޕްލޭވެސް ހަމަ ހަބޭހެވެ. ޢަވަހަށް ޓިކެޓް ނަގާށެވެ. މީ ނުބަލާ ދޫކޮށްލާވަރު ފިލްމެއް ނޫނެވެ.