ވިޔަފާރި

ދެކުނު ކޮރެޔާއާއި ޖަޕާނުން ވިޔަފާރީގެ ހަނގުރާމައެއް ފަށަނީ


ޖަޕާނުން ދެކުނު ކޮރެޔާއަށް އެކްސްޕޯޓްކުރާ ބައެއް ތަކެތި އެކްސްޕޯޓްކުރުމަށް ދަތިކުރުމަށް ޖަޕާނުން ފިޔަވަޅުތަކެއް އަޅައިފިއެވެ.

ޖަޕާނުން އެޅި ފިޔަވަޅުތަކުގެ ދަށުން، ކޮރެޔާގައި ސްމާޓްފޯނު އުފެއްދުމަށް ބޭނުންކުރާ ބައެއް މުހިއްމު ތަކެތި ޖަޕާނުގެ ކުންފުނިތަކުން ކޮރެޔާއަށް އެކްސްޕޯޓް ކުރެވޭނީ ޚާއްސަ ހުއްދައެއް ނަގައިގެނެވެ.

ޖަޕާނާއި ދެކުނު ކޮރެޔާއާ ދެމެދު މައްސަލަ ގޯސްވެފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުން ކޮރެޔާ އަޅުވެތިކޮށްގެން އުޅުނު ދުވަސްވަރު ހިނގާފައިވާ ކަންތައްތަކަކާ ގުޅިގެނެވެ. ޖަޕާނުން ވަނީ އެދުވަސްވަރު ޖަޕާނުގެ ކުންފުނިތަކުގެ ކާރުހާނާތަކުގައި ގިނަ އަދަދެއްގެ ކޮރެޔާ މީހުން "އަޅު" މަސައްކަތުގައި ގެންގުޅެފައެވެ. އެކަމުގެ ބަދަލެއްގެ ގޮތުގައި 1965 ވަނަ އަހަރު ޤާއިމްކުރި އެއްބަސްވުމެއްގެ ދަށުން ޖަޕާނުން ވަނީ އެތައް މިލިއަން ޑޮލަރެއް ދީފައެވެ. އަދި އެހާހިސާބުން އެމައްސަލަ ނިމުނީކަމަށް ޖަޕާނުން ހުރީ ބަލައިގެނެވެ.

މިމައްސަލަ އަނެއްކާވެސް ގޯސްވީ ޖަޕާނުން އަޅު މަސައްކަތުގައި ގެންގުޅުނު މީހުންނަށް އަނެއްކާވެސް ބަދަލު ދިނުމަށް ދެކުނު ކޮރެޔާގެ ކޯޓުތަކުން ޙުކުމްކުރަން ފެށުމުންނެވެ. އެގޮތުން ކޮރެޔާގެ ސުޕްރީމްކޯޓުން މިއަހަރު ކުރީކޮޅު ވަނީ ޖަޕާނުގެ ނިޕޯން ސްޓީލްއާއި މިޓްސުބުޝީ ކުންފުންޏާއި އެހެން ބައެއް ކުންފުނިތަކުން ބަދަލު ހޯދުމަށް ޙުކުމްކޮށްފައެވެ. އަދި ޙުކުމުގެ ދަށުން ކޮރެޔާގައި އިންވެސްޓްކޮށްފައިވާ ޖަޕާނުގެ ކުންފުނިތަކުގެ މުދަލާއި މިލްކިއްޔާތު ހިފެހެއްޓުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.

ޖަޕާނުން ކޮރެޔާއަށް އެކްސްޕޯޓްކުރާ މުދާ އެކްސްޕޯޓްކުރުމަށް ދަތިކުރުމަށް ޖަޕާނުން ނިންމާފައި މިވަނީ އެމައްސަލަގަނޑު ބޮޑުވުމުންނެވެ. ޖަޕާނުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެލް-ޖީ އަދި ސެމްސަންގފަދަ ކުންފުނިތަކަށް ވަރަށް ބޮޑު ދައްޗެއް ކުރިމަތިވާނެއެވެ. އެއީ އެކުންފުނިތަކުން އުފައްދާ ސްމާޓް ފޯނާއި އެހެނިހެން ބައެއް ތަކެތި އުފެއްދުމަށް އެންމެ މުހިއްމު ބައެއް ތަކެތި ހޯދުމަށް ޖަޕާނުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އުނދަގޫވާނެތީއެވެ.

ޖަޕާނުގެ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ބާވަތުގެ މުދާ ކޮރެޔާއަށް ފޮނުވޭނީ ކޮންމެ ފަހަރަކު ވަކި ހުއްދައެއް ނަގައިގެނެވެ. އަދި ހުއްދަ ހޯދުމަށް 3 މަހެއްހާ ދުވަސް ހޭދަވާއިރު، އެކަމުގެ ސަބަބުން ސެމްސަންގ އަދި އެލްޖީ ކުންފުންޏަށް ވަރަށް ބޮޑު ދައްޗެއް ކުރިމަތިވާނެއެވެ. ބައެއް ތަކެތި ކޮރެޔާއަށް އެކްސްޕޯޓްކުރުން ދަތިކުރުމުގެ އިތުރުން، ކޮރެޔާއަށް ދީފައިވާ ވިޔަފާރީގެ އެހެން ބައެއް އިނާޔަތްތައްވެސް ޖަޕާނުން ވަރަށް އަވަހަށް ކަނޑާލާނެކަމަށް ޚަބަރުތައް ބުނެއެވެ.

ޖަޕާނުގެ މިނިސްޓްރީ އޮފް އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީއިން ބުނީ، ވިޔަފާރީގެ ގުޅުމަކީ ދެ ޤައުމުގެ މެދުގައި އޮންނަ އިތުބާރުގެ މައްޗަށް ދެމި އޮންނަ ކަމެއްކަމަށެވެ. ނަމަވެސް މިހާރު ހިނގަމުންދާ ކަންކަމަށް ބަލާއިރު ޖަޕާނާއި ކޮރެޔާއާ ދެމެދު އޮތް އިތުބާރު ގެއްލިފައިވާކަމަށް ޖަޕާނުގެ ވިޔަފާރިއާބެހޭ މިނިސްޓްރީން ބުންޏެވެ.

ކޮރެޔާއަށް އެކްސްޕޯޓްކުރުން ދަތިކުރުމަށް ޖަޕާނުން އެޅި ފިޔަވަޅުތަކާ ގުޅިގެން ދެކުނު ކޮރެޔާގެ ޓްރޭޑް، އިންޑަސްޓްރީ އެންޑް އެނަރޖީ މިނިސްޓްރީން ބުނީ ޖަޕާނުން އެޅި ފިޔަވަޅުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ފިޔަވަޅުތަކެއްކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކޮރެޔާއިން އަޅާނެކަމަށް ކޮރެޔާގެ ވިޔަފާރިއާބެހޭ މިނިސްޓްރީން ބުންޏެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި ޖަޕާނުން އެޅި ފިޔަވަޅުތަކަކީ ކޮރެޔާގެ އުފެއްދުންތެރިކަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ފިޔަވަޅުތަކެކެވެ. އަނެއްކޮޅުން މި ފިޔަވަޅުތަކުގެ ސަބަބުން ކޮރެޔާގެ ކުންފުނިތަކާއެކު ވިޔަފާރިކުރާ ޖަޕާނުގެ ކުންފުނިތަކަށްވެސް ގެއްލުންވާނޭކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.
އެހެންކަމުން ޖަޕާނާއި ދެކުނު ކޮރެޔާއާ ދެމެދު އުފެދިފައިވާ މައްސަލައަކީ އެއްވެސް ފަރާތަކަށް ކާމިޔާބެއް ނުލިބި ދެ ޤައުމަށްވެސް ގެއްލުމާ ކުރިމަތިލާންޖެހޭ މައްސަލައެއްކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.