ވިޔަފާރި

ޗައިނާގައި އިންވެސްޓްކުރެވޭނެ ދާއިރާތައް އިތުރުކުރަނީ


ބޭރުގެ އިންވެސްޓަރުންނަށް ޗައިނާގައި އިންވެސްޓްކުރެވޭނެ ދާއިރާތައް އިތުރުކުރުމަށް ޗައިނާގެ ސަރުކާރުން ނިންމައިފިއެވެ.

ޗައިނާ ސަރުކާރުން ހާމަކުރި ގޮތުގައި މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ބައެއް ދާއިރާތަކުގައި އިންވެސްޓްކުރުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެންނާނެކަމަށެވެ. ޗައިނާގެ މިނިންމުން އައިސްފައި މިވަނީ އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ މަޝްވަރާތައް އަލުން ފެށުމަށް ނިންމާފައިވަނިކޮށެވެ.

ޗައިނާގައި އިންވެސްޓްކުރާ އިންވެސްޓަރުންގެ އެންމެ ބޮޑު ޝަކުވާއަކީ ޗައިނާގެ ވިޔަފާރިތަކަށް އެހެން ޤައުމުތަކުގައި ލިބޭ ފުރުޞަތުތައް، ޗައިނާގައި އިންވެސްޓްކުރާ އެހެން ޤައުމުތަކުގެ އިންވެސްޓަރުންނަށް ނުލިބުމެވެ. އެގޮތުން މެރިޓައިމް ޓްރާންސްޕޯޓް، ގޭސް ޕައިޕްލައިން، ސިނަމާ، މުނިފޫހިފިލުވުން އަދި ޓެލެކޮމިއުނިކޭޝަން ދާއިރާއިން ޗައިނާގައި އިންވެސްޓްކުރުމުގައި މިހާރު ބޮޑެތި ދަތިތަކެއް އެބަހުރިކަމަށް އިންވެސްޓަރުން ބުނެއެވެ.

ޗައިނާ ސަރުކާރުން ހާމަކުރާ ގޮތުގައި މިހާރު އިތުރު 8 ދާއިރާއަކުން އިންވެސްޓްކުރުމުގެ ފުރުޞަތު ބޭރުގެ އިންވެސްޓަރުންނަށް މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެއެވެ.

ބޭރުގެ އިންވެސްޓަރުންނަށް ޗައިނާ ހުޅުވާލުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަމާޗުމަހު ޗައިނާއިން ވަނީ ޚާއްސަ ޤާނޫނެއްވެސް ފާސްކޮށްފައެވެ. އެޤާނޫނުގެ ދަށުން ބައެއް ދާއިރާތަކުގައި އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރުންނަށް ޗައިނާގެ އިންވެސްޓަރުންނަށްވެސް ލިބޭ ވިޔަފާރީގެ އިނާޔަތްތައް ލިބޭނެއެވެ.