ވިޔަފާރި

ގދ. ވާދޫގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމަށް ބިން ދޫކުރަނީ


ހުވަދުއަތޮޅު ދެކުނުބުރި ވާދޫގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމަށް ބިން ދޫކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގދ. ވާދޫގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމަށް އެރަށުގެ ބިނާވެށީގެ ޕްލޭނާ އެއްގޮތަށް ފަސް ހާސް އަކަފޫޓުގެ 16 ޕްލޮޓް ދޫކުރުމަށް ހަމެޖެހިފައިވާ ކަމަށެވެ. އަދި މިކަން ކުރުމަށް ރާވާފައިވަނީ "މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓާލާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ކަނޑައެޅުމާއި ބެހޭ އުސޫލު" އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ލޯކަލް ޓުއަރިޒަމްއަށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިންތަކަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ފަތުރުވެރިކަން ތަރައްޤީކުރާ ބިންތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވާފައިވާ ބިންތަކެއްކަމަށެވެ. އަދި އަވަސް މުއްދަތެއްގައި މިބިންތައް ބީލަމުގެ އުސޫލުން ދޫކުރުމުގެ ކަންތައް ގދ. ވާދޫ ކައުންސިލާއި އެހެނިހެން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ފަތުރުވެރިކަން ފުޅާކޮށް، އާއްމު ރައްޔިތުންނަށް ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އިތުރު ކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރ ގެންދަވަނީ ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އާއްމުންނާއި، ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވަމުންނެވެ.