ޚަބަރު

އޭޖީ އޮފީހުގެ މަސައްކަތް ހަލުވި ކުރުމަށް ޚާއްސަ ވިއުގައެއް!


އެޓަރނީ ޖެނަރަލް(އޭޖީ) އޮފީހުގެ މުވައްޒަފުންނާ ޙަވާލުކުރާ މަސައްކަތްތައް އަވަސްކޮށް، ދުވަހުން ދުވަހަށް ކުރާ މަސައްކަތަށް ޖަވާބުދާރީވެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ވިއުގައެއް އެއޮފީހުން ބޭނުން ކުރަން ފަށައިފިއެވެ.

އަށްޑިހަ ނުވަ މުވައްޒަފުން މަސައްކަތް ކުރާ އެޓަރނީ ޖެނަރަލްގެ އޮފީހުގެ މަސައްކަތް ހަލުވިކުރުމަށް މިއަދު ބޭނުންކުރަން ފެށި ސިސްޓަމަކީ ޓާސްކް މެނޭޖަރ ސިސްޓަމެވެ. ޓާސްކް މެނޭޖަރއަކީ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރާ ހިސާބުން ފެށިގެން، ނިމުމާ ހަމައަށް އެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ފެންނާނެ ގޮތަށް ތައްޔާރު ކުރެވިފައިވާ ވިއުގައެކެވެ. މި ވިއުގައަކީ މެސެޖިން އެޕް، "ޓެލެގްރާމް"އާ އިންޓަގްރޭޓްކޮށްފައިވާ ސިސްޓަމެކެވެ.

އެގޮތުން ކޮންމެ މުވައްޒަފަކަށް ޚާއްޞަކުރާ ލޮގިންއަކުން ވަދެވޭގޮތަށް ތައްޔާރުކޮށްފައިވާ ޓާސްކް މެނޭޖަރ މެދުވެރިކޮށް، މުވައްޒަފަކަށް މަސައްކަތް ހަވާލު ކުރުމުން، ޓެލެގްރާމުން މެސެޖު ލިބޭނެއެވެ. އަދި ހަވާލު ކުރި މަސައްކަތާ ގުޅޭ ގޮތުން ޖަވާބުދާރީ ވެސް ވެވޭނެއެވެ.

އެޓަރނީ ޖެނަރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު ވިދާޅުވީ ޓާސްކް މެނޭޖަރ ނިޒާމުން ހާސިލު ކުރަން ބޭނުންވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން އަވަސްކޮށް، މުވައްޒަފުންގެ މަސައްކަތް ހަލުވިކޮށް، ޖަވާބުދާރީވުން ހަރަދުނާ ކުރުން ކަމަށެވެ. އޭގެ އިތުރުން ޓެކްނޮލޮޖީގެ ފަސޭހަކަން މަސައްކަތުގެ މާހައުލަށް ތައާރަފްކޮށް، މުވައްޒަފުން އެކަމަށް އަހުލުވެރިކޮށް، އިދާރީ ބޭނުމަށް ކަރުދާސް ބޭނުންކުރާ މިންވަރު މަދުކޮށް، އޮފީހުގެ ޚަރަދު ކުޑަ ކުރުމަކީ ޓާސްކް މެނޭޖަރ އިން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑި ކަމަށް އެޓަރނީ ޖެނަރަލް ވިދާޅުވިއެވެ.

އެޓަރނީ ޖެނަރަލްގެ އޮފީހުގެ އައިޓީ ކޮންސަލްޓަންޓް "ނުވިލު"އިން ބުނީ ޓާސްކް މެނޭޖަރގެ ސަބަބުން މުވައްޒަފުންގެ މަސައްކަތް ހަލުވިވެ، ފަރުވާތެރިކަމާ އެކު މަސައްކަތް ނިންމުމަށް މުވައްޒަފުން ސަމާލުކަންދޭނެ ކަމަށެވެ.

ޓާސްކް މެނޭޖަރ ސިސްޓަމަކީ އެޓަރނީ ޖެނަރަލްގެ އޮފީހުގެ މަަސައްކަތް ޒަމާނީ ޓެކްނޮލޮޖީއާ ގުޅޭގޮތަށް ބަދަލުކޮށް، ކަރުދާސް ބޭނުން ކުރާ މިންވަރު މަދުކޮށް، އޮފީހުގެ އިދާރީ މަސައްކަތްތައް، މުވައްޒަފުންނަށް އެއް ޕްލެޓްފޯމަކުން ފެންނާނެ ގޮތް ހެދުމަށް ތައްޔާރު ކުރަމުންދާ "ސްޓާފް އިންޓްރާނެޓް"ގެ ދަށުން އުފެއްދި ވިއުގައެކެވެ.