ވިޔަފާރި

އުތުރާއި ދެކުނުގައި ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް 200 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ


ރާއްޖޭގެ އުތުރާއި ދެކުނުގައި ލޯކަލް ޓުއަރިޒަމް ނުވަތަ ގެސްޓް ހައުސްގެ ވިޔަފާރީ ފުޅާކުރުމަށް 200 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް އެސް.އެމް.އީ ބެންކުން ތަޢާރަފްކުރުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން އައްޑޫ ސިޓީއާއި ފުވައްމުލަކުގައި އިތުރު ރިސޯޓްތަކާއި ގެސްޓް ހައުސްތައް ތަރައްޤީކޮށް، އެސަރަޙައްދުގައި ޓުއަރިސްޓް އެނދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާކަމަށެވެ. އެމަސައްކަތުގެ ދަށުން އައްޑޫ އަދި ފުވައްމުލަކުގައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމަށް އެސް.އެމް.އީ ބެންކުން 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

" އަޅުގަނޑުމެން އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއް ދެން، ޚާއްސަކޮށް މިހާރުވެސް އިންޓަނޭޝަނަލް އެއަރޕޯޓެއް ހުރުމާއެއްކޮށް އަޅުގަނޑުމެން ބޭނުންވޭ އެތަނަށް ބޭނުންވާ އެނދުގެ އަދަދު އިތުރުކުރަން. އޭގެ ތެރޭގައި ކޮންމެސް ވަރަކަށް ރިސޯޓް އިތުރުކުރުުމާއި ގެސްޓް ހައުސްއަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭނަން. އަޅުގަނޑުމެން ވަރަށް އަވަހަށް އިޢުލާންކުރާނަން ގެސްޓް ހައުސްއަށް ޚާއްސަކޮށްގެން އައްޑޫއާއި ފުވައްމުލަކަށް އެސްއެމްއީ ބެންކުން 100 މިލިއަން ރުފިޔާގެ ފެސިލިޓީއެއް" މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

އައްޑޫ އަދި ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެންމެ އުތުރުގައިވެސް ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް 100 މިލިއަން ރުފިޔާގެ ލޯނު އެސް.އެމް.އީ ބެންކުން ދޫކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިލޯނު ދޫކުރާނީ ހަނިމާދޫ އެއަރޕޯޓުން 20 މިނެޓުން ދަތުރުކުރެވޭ ހިސާބުގައި ރަށްތަކުގައި ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ގެސްޓް ހައުސް ވިޔަފާރި އުތުރަށާއި ދެކުނަށް ދާއިރު މިވާ ގޮތަކީ އާއްމުކޮށް ރިސޯޓްތަކަށް އަންނަ މާކެޓެއް ނޫން ގެސްޓްހައުސްތަކަށް މި އަންނަނީ. ތަންކޮޅެއް އަގު ދަށްކޮށް މިހުންނަނީ، އެހެންވީމަ 16 ގަޑިއިރު ދަތުރުކޮށްފައި ވެލާނާ އެއަރޕޯޓަށް އައިސް، އަނެއްކާ ގަޑިއިރެއްހާއިރުގެ ދަތުރަކަށްފަހު ހަނިމާދޫއަށް މިދަނީ، އެތަނަށް ގޮސް އަނެއްކާ 45 މިނެޓްގެ ސްޕީޑް ލޯންޗެއް ނަގައިގެން ގެސްޓް ހައުސް ހުންނަ ރަށަށް ދާންވީމަ ގެސްޓް ހައުސް މާކެޓެއް ނުކުރެވޭ، އެގެސްޓް ހައުސްތައް ކާމިޔާބެއް ނުވޭ. ގެސްޓް ހައުސް މާކެޓް ވަރުގަދަކުރުމަށްޓަކައި އަޅުގަނޑުމެން އެބަ ބޭނުންވޭ، ރީޖަނަލް އެއަރޕޯޓްތަކަށް ދިއުމަށްފަހު، ގެސްޓް ހައުސް ހުންނަ ރަށްރަށަށް ދިއުމުގައި އަވަސްވާން. އެހެން ނޫންނަމަ ގެސްޓުން ގެނެސްގެން މާކެޓްކުރަން އުނދަގޫވާނެ. އެގޮތަށް ލޯކަލް ޓުއަރިޒަމް ކުރިއަށް ނުގެންދެވޭނެ. މިތަސައްވުރަށް ދާން ބޭނުންވަނީ 4 ވަރަކަށް އެއަރޕޯޓް" މިނިސްޓަރ ވިދާޅުވިއެވެ.

ލޯކަލް ޓުއަރިޒަމް ފުޅާކޮށް، ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިއްމު ވަޢުދަކަށްވާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ޚާއްސަކޮށްގެން އެސްއެމްއީ ބެންކުން ދޫކުރާ ލޯނުތަކުގެ ދަށުން ލޯކަލް ޓުއަރިޒަމް ތަރައްޤީކުރުމަށް މިހާރުވެސް ދަނީ ލޯނު ދޫކުރަމުންނެވެ.