ޚަބަރު

މެއިމަހު، އެންމެގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް


ނިމިދިޔަ މެއި މަހު، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް ކަމަށް އެމިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މެއި މަހު އެމިނިސްޓްރީއަށް ހުށަހަޅާފައިވާ ޖުމްލަ މައްސަލަތަކަށް ބަލާއިރު ޖުމުލަ 212 މައްސަލަ ރިޕޯޓްކޮށް ބަލާފައިވެއެވެ.

ޖެންޑަރ މިނިސްޓްރީން ކޮންމެ މަހަކު ޢާންމުކުރާ ތަފާސްހިސާބުތަކުގެ ތެރެއިން މެއި މަހުގެ ތަފާސްހިސާބަށް ބަލާއިރު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާއި ގުޅޭ 111 މައްސަލައެއް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މިއީ އެމިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ %52 އެވެ. މި މައްސަލަތަކުގެ ތެރޭގައި ހައްޤުތަކުން ކުޑަކުދިން މަޙްރޫމް ކުރުމާއި ޢާއިލީ މައްސަލަ ތަކާއި ކުށްކުރާ ކުޑަކުދިންގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންގެ އަޚްލާޤީ މައްސަލަތައް ހިމެނެއެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ވަކިޖިންސަކަށް ވީތީ ކުރާ އަނިޔާއާއި އަދި ގެވެށި އަނިޔާވެސް ހިމެނެއެވެ. އެގޮތުން 42 މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުން ވެގެން 15 މައްސަލައެއް ހުށަހަޅާފައިވާއިރު އަމިއްލަ ނަފްސައް ގެއްލުންދިނުމާގުޅޭ ދެ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

ޖެންޑަރ މިނިސްޓްރީގެ އެޕްރީލް މަހުގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު މެއި މަހުގައި ހުށަހަޅާފައިވާ މައްސަލަތައް ވަނީ އިތުރުވެފައެވެ. އޭޕްރިލް މަހު ޖުމުލަ 206 މައްސަލަ ހުށަހަޅާފައިވާއިރު މެއި މަހުގައި 212 މައްސަލައެއް ވަނީ އެމިނިސްޓްރީއަށް ހުށަހަޅައި ފަލާފައެވެ.