ވިޔަފާރި

އީޔޫއާއި ދެކުނު އެމެރިިކާގެ ޤައުމުތަކުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރަނީ


ޔޫރަޕްގެ ޢިއްތިޙާދާއި ދެކުނު އެމެރިކާގެ ޤައުމުތަކާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެއްބަސްވެއްޖެއެވެ.

ދެކުނު އެމެރިކާގެ ޤައުމުތަކުގެ ކަސްޓަމްސް ޔޫނިއަން، މަރސަކަރ އާއި ވިލާތުގެ ޢިއްތިޚާދު، އީޔޫއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމަށް އެއްބަސްވެފައި މިވަނީ 20 އަހަރެއްހާ ދުވަހަށް ދިގު ދެމިގެންދިޔަ މަޝްވަރާތަކަކަށްފަހުއެވެ.

ދެކުނު އެމެރިކާގެ ޤައުމުތަކުގެ ކަސްޓަމްސް ޔޫނިއަން، މަރސަކަރއަކީ އާޖެންޓީނާ، ބްރެޒިލް، ޕެރަގުއޭ، އުރުގުއޭ އަދި ވެނެޒުއޭލާ ހިމެނޭގޮތަށް އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. ނަމަވެސް 2016 ވަނަ އަހަރު ވެނެޒުއޭލާ ވަނީ މިޖަމުޢިއްޔާއިން ސަސްޕެންޑްކޮށްފައެވެ.

20 އަހަރެއްހާ ދުވަހަށް ދިގުދެމިގެންދިޔަ މަޝްވަރާތަކަށްފަހު އީޔޫއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް ނިންމިއިރު، މިއީ މަރސަކަރއިން ޤާއިމްކުރުމަށް ނިންމި މިފަދަ ފުރަތަމަ އެއްބަސްވުމެވެ.

އީޔޫއިން މަރސަކަރއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރި މައިގަނޑު މަޤްޞަދަކީ އެމެރިކާއާއެކު އީޔޫއިން ކުރިއަށްގެންދިޔަ ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލާ، ވިޔަފާރީގެ އިތުރު ބައިވެރިން ހޯދުމެވެ. އެމަސައްކަތުގެ ދަށުން އީޔޫއިން ވަނީ މީގެ ކުރިން، ޖަޕާން، ކެނެޑާ އަދި މެކްސިކޯއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކޮށްފައެވެ.

ދެކުނު އެމެރިކާގެ ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް އީޔޫއިން ނިންމިއިރު، އީޔޫއަކީ އެޤައުމުތަކާއެކު އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފަރީއާއި އިންވެސްޓްމަންޓްތައް ޤާއިމްކުރުމުންދާ ޖަމުޢިއްޔާއެވެ. އަދި އީޔޫއަކީ ދެވަނަ އެންމެ ގިނައިން މުދާ ދެކުނު އެމެރިކާގެ ޤައުމުތަކަށް އެތެރެކުރާ ސަރަޙައްދެވެ.

އީޔޫއާއި މަރސަކަރއާ ދެމެދު ޤާއިމްކުރާ އެއްބަސްވުމުގެ ދަށުން އީޔޫއާއި މަރސަކަރގެ ޤައުމުތަކަށް ވިޔަފާރީގެ ބޮޑެތި ފައިދާތަކެއް ވާނެއެވެ. އޭގެ ތެރޭގައި އީޔޫއިން ދެކުނު އެމެރިކާގެ ޤައުމުތަކަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ވަރަށް ބޮޑަށް ކުޑަކުރާނެއެވެ. އަދި ބައެއް މުދަލުން ނަގާ ޑިއުޓީގެ ވަކި އިންސައްތައެއް އެއްކޮށް ކަނޑާލާނެއެވެ.

އަނެއްކޮޅުން މިއެއްބަސްވުމުގެ ސަބަބުން މަރސަކަރގެ ޤައުމުތަކުން އުފައްދާ މުދަލަށް ޔޫރަޕުން ރަނގަޅު މާކެޓެއް ލިބޭނެއެވެ. އޭގެ ތެރޭގައި ގެރިމަހާއި، ހަކުރާއި ކޮފީ ހިމެނޭނެއެވެ. އަދި މަރސަކަރގެ ޤައުމުތަކުން ވަކި ކޯޓާއަކާ ހަމައަށް ޑިއުޓީ ފްރީކޮށް އީޔޫއަށް މުދާ އެކްސްޕޯޓްވެސް ކުރެވޭނެއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމްކުރުމަށް އެއްބަސްވުމަކަށް އައުމުން، އީޔޫއާއި މަރސަކަރގެ ޤައުމުތަކުން ވަނީ އެއީ ވަރަށް ބޮޑު ކާމިޔާބެއްކަމަށް ސިފަކޮށްފައެވެ. އަދި އެއްބަސްވުމުގެ ސަބަބުން ދެކުނު އެމެރިކާ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުން ވަރަށް ބޮޑުތަން ހަލުވި ވެގެންދާނޭކަމަށް އެޤައުމުތަކުގެ އޮފިޝަލުން ބުނެއެވެ.

މަރސަކަރގެ ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް އެއްބަސްވުމަކަށް އާދެވިފައިވާއިރު، ދެން އޮންނާނީ އީޔޫގެ ވަކިވަކި 28 މެމްބަރު ޤައުމުތަކުގެ ރުހުން މި އެއްބަސްވުމަށް ހޯދުމެވެ. އެއްބަސްވުމެއް ޤާޢިމްކޮށް، އެއަށް ޢަމަލުކުރަން ފަށާނީ އެއަށްފަހުއެވެ.