ޚަބަރު

ކިނޮޅަހުގައި ކުރިއަށްދާ އާކިއޮލޮޖިކަލް މަޝްރޫޢުގައި ކޮނުމުގެ މަސައްކަތް ނިމުމަކާއި ގާތަށް


ކިނޮޅަހުގައި ކުރިއަށްދާ އާކިއޮލޮޖިކަލް މަޝްރޫޢުގައި ކޮނުމުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރ. ކިނޮޅަހުގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ "އަ ކާސަލް ބިލްޓް އޮން ސޭންޑް: ސެޓިންގ އަޕް އަ ހެރިޓޭޖް ރިސޯސް ފޯރ ދި މޯލްޑިވްސް ޓު ފޮސްޓަރ އަ ސަސްޓެއިނަބަލް ޓުއަރިސްޓް އޮފަރ"، ގެ ދަށުން އެ ރަށުގައި ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަޝްރޫޢަކީ އިހުގައި ދިވެހިން ގެންގުޅު އެކި ބާވަތްތަކުގެ ކަންވާރުތައް ހޯދައި، އެތަކެއްޗާއި ބެހޭ މައުލޫމާތު އެއްކޮށް އެތަކެތި ދިރާސާ ކުރުމެވެ. މިއީ ރާއްޖޭގެ ތާރީޚުގެ ތެރެއިން މިފަދަ ވަކިވަކި ދާއިރާތައް ދިރާސާ ކުރުމަށް އެޅިގެންދާ ބިންގަލެއްކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން ހެރިޓޭޖް މިނިސްޓްރީން ދަނީ ރާއްޖޭގައި ކަލްޗަރަލް ޓުއަރިޒަމް ތަރައްޤީ ކުރުމަށްޓަކައި، އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މި މަޝްރޫޢުގެ ދަށުން ކޮނުނު ތަންތަނުން މިހާތަނަށް ފެނުނު އެކިއެކި ކަންވާރާއި، ކަންވާރުތަކުގެ ބައިތަކާއިގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މި ތަކެއްޗާއި ގުޅޭ އިތުރު ދިރާސާ ކުރުމަށް ނިންމާފައިވަނީ އިނގެރޭސިވިލާތުގައެވެ.

ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާގެ ޕްރޮފެސަރ އޭން ހައޯރގެ އެހީތެރިކަމާއިއެކު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ، އާކިއޮލޮޖިސްޓް ޝިއުރާ ޖައުފަރް އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ މި މަޝްރޫޢުއަކީ ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާގެ މާލީ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުއެއްކަމަށް ހެރިޓޭޖް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ކިނޮޅަހަކީ އިބްނު ބަތޫތާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ މަޑުކުރެއްވި ރަށުގެ ގޮތުގައި މަޝްޙޫރުވެފައިވާ ރަށެވެ. މިހާރު ކިނޮޅަހުގައި ކުރާ ދިރާސާއަކީ ގަދީމީ ބޮއްޔާއި ގުޅޭގޮތުން ކުރެވުނު ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފަރުމާކުރެވިފައިވާ ދިރާސާއެއް ކަމަށް ހެރިޓޭޖް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.