ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ ޚާއްޞަ ވަފުދެއްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުޤޫބްގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޚާއްޞަ ގޮތެއްގައި ސަލާމަތީ ދާއިރާއާއި ވިޔަފާރިއާއި ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުން ދެޤައުމުގެ މެދުގައި މިހާރު ޤާއިމްކޮށްފައިވާ ގުޅުން ވަރުގަދަ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ޙަލީމާ ޔަޢުޤޫބާއި ބޮޑުވަޒީރު ލީ ސިއެން ލޫންގަ އާއި ވަކިވަކީން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި މިހާރު ދެޤައުމުގެ ގުޅުން އޮތް ދާއިރާތަކާއި އިތުރަށް ގުޅުންބަދަހިކޮށް ފުޅާކުރެވިދާނެ ދާއިރާތަކާއި ގޮތްތަކާމެދު މަޝްވަރާ ކުރައްވާނެއެވެ. މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ދެއްވާ ޖާފަތެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއިވެސް ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރައްޔިތުންގެ ޝުއޫރުތަކާއި ސިންގަޕޫރުގައި ދިމާވާ ގޮންޖެހުންތައް ރައީސާއި ޙިއްޞާކުރުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ގެ މި ދަތުރުފުޅުގައި، އައި.އެސް.ޑީ ކައުންޓަރ- ޓެރަރިޒަމް ސެންޓަރާއި ސިންގަޕޫރުގެ ނެޝަނަލް އެންވަޔަރަންމަންޓް އެޖެންސީގެ ބެލުމުގެ ދަށުން ހިންގާ ޕަލައު ސިމަކު ލޭންޑްފިލްޑަށް ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.