ޚަބަރު

ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ހަރުދަނާކޮށް އޭރިއާ ކޮމާންޑުތަކުގެ ޤާބިލުކަން އިތުރުކުރަނީ


ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ހަރުދަނާކޮށް ރައްޔިތުންނާއި ގާތުން ޚިދުމަށްދިނުމަށް އޭރިއާ ކޮމާންޑުތައް ބާރުވެރިކުރުވައި ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޤައުމީ ދިފާއީ ބާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުގައި ހިނގާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޯށްދިނުމަށް ނުވަތަ އެކި ކަންކަމާ ގުޅިގެން ކޮންމެ ފަހަރަކު މާލެއިން ސިފައިން ފުރުވާލުމަކީ ޤަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ ސަރަހައްދަކުން ދިމާވާ ކަންކަމުގައި އެ ސަރަހައްދެއްގެ އޭރިއާ ކޮމާންޑުން އަދާކުރާ ދައުރު ފުޅާކޮށް ޤާބިލުކަން އިތުރުކުރެވިއްޖެނަމަ މިފަދަ ކަންކަމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ފަހަރެއްގަވެސް މާލެއިން ހުރިހާކަމެއް، މާލެ ސަރަހައްދުން ކޮންމެ އެއްޗެއް ފުރުވާލައިގެންގޮސް އެންމެ އުތުރުގެ ނޫނީ އެންމެ ދެކުނުގައި ދިމާވާ ކަންކަމަށް އެޓެންޑު ކުރުމެއް. އެގޮތުން ކިހިނެތްތޯ އޭރިއާ ކޮމާންޑުތައް ބާރުކުރެވި އަދި އޭރިއާ ކޮމާންޑުތަކުގެ ޤާބިލުކަން އިތުރު ކުރެވޭނީ، އެއީ އަޅުގަނޑުމެން ކުރަމުންދާ އެއް މަސައްކަތަކީ" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑުތަކެއް ޤާއިމް ކޮށްފައިވާއިރު އެ ކޮމާންޑުތަކުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި ބަލިމީހުން އެއްރަށުން އަނެއް ރަށަށް ގެންދިއުމަށާއި ކަނޑުމަތީގައި ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އޭރިއާ ކޮމާންޑުތަކުން މުހިންމު ދައުރެއް އަދާކުރާކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެމްއެންޑީއެފުން ރާއްޖޭގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޤައުމީ ދިފާޢީ ބާރުން ޚާއްޞަ ތަމްރީނުތަކެއް ކުރިއަށްގެންދަމުންދާކަން ފާހަގަކުރައްވާ މި މަސައްކަތްތަކަކީ މަސްރަހުގެ ސަލާމަތީ ކަންތައްތަކާއި ޓެރަރިޒަމުގެ ނުރައްކަލާ ކުރިމަތިލައި ރާއްޖެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ.