ޚަބަރު

ރައީސް މާދަމާ ސިންގަޕޫރަށް ވަޑައިގަންނަވަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީ ދަތުރުފުޅެއްގައި މާދަމާ ސިންގަޕޫރަށް ވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުޤޫބްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި އެ ޤައުމުގެ ބޮޑުވަޒީރު ލީ ޝިއެންގް ލުންއާންއާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ސިންގަޕޫރުން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ ރިޔާސީ ގަނޑުވަރު އިސްތާނާގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅު ނިންމަވާލެއްވުނަށްފަހު ރާއްޖެ ވަޑައިގަންނަވާނީ އަންގާރަދުވަހުއެވެ.