ޚަބަރު

ފަނޑިޔާރު ދީދީ ލިޔުމުން ޖަވާބު ދެއްވައިފި


ޖުޑީޝަލް ސާރވިސް ކޮމިޝަނުން ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ބަލާ ސުލޫކީ މައްސަލާގައި އޭނާ މިއަދު ޖަވާބުދާރީވެވަޑައިގެންފިއެވެ. ޖޭއެސްސީން ބަލަމުން ގެންދަނީ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތުކުރެވޭ ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެން އެ ކޮމިޝަަށް ހުށައެޅިފައިވާ ސުލޫކީ މައްސަލައެކެވެ.

ޖޭއެސްސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ލިޔުމުން ކޮމިޝަނަށް ޖަވާބު މިއަދު ހުށައަޅުއްވާފައިވާކަމަށެވެ. ޢެހެންނަމަމަވެސް އިތުރު ތަފުސީލެއް ޖޭއެސްސީއަކުން ހާމައެއްނުކުރެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލާގައި ފުލުހުން ޖޭއެސްސީ އަށް ފޮނުވި ސިޓީގައި ވަނީ ވަކިގޮތަކަށް ހުކުމްތައް ނެރުމަށް އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އަބްދުﷲ ދީދީ އަށް ރިޝްވަތުގެ ގޮތުން އެތައް ފައިސާ ދީފައިވާކަމަށެވެ. އަދި ނޫސްވެރިޔާ އަހްމަދު ރިލްވާނު ގެއްލުނު މައްސަލާގައި ހައްޔަރުކުރި ދެ މީހަކު ދޫކޮށްލުމުގެ ތުހުމަތުވެސް ދީދީގެ މައްޗަށް ވަނީ އުފުލާފައެވެ.

މީގެއިތުރުން ފަނޑިޔާރު ދީދީގެ ގާތް މީހަކަށް މެލޭސިއާއިން ވަޒީފާ ދިނުމަށް އެދިފައިވާކަމަށްވެސް ފުލުހުންގެ ސިޓީގައިވެއެވެ. އަދި މި ހުރިހާ މުއާމަލާތެއްވެސް ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވޭ ސަސްޕެކްޓް 1 ކަމަށްވެސް ފުލުހުން ބުނެއެވެ. ބެލެވޭ ގޮތުން ފުލުހުންގެ ސަސްޕެކްޓް 1 އެެއީ އަހްމަދު އަދީބެވެ. އަދި ވަޒީފާ ހޯދާދިނުމަށް އެދުމުން މެލޭސިއާގައި ހުންނަ ދިވެހި އެމްބެސެޑަރުގެ ނާއިބުކަން ވަނީ ދީދިގެ އަންހެނުނަށް ލިބިފައެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ކުރާ މި ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ. ފަނޑިޔާރު ދީދީގެ ސުލޫކީ މައްސަލަ ބޭއްވުމަށް ހުޅުވާލާއިގެން ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ ރިޝްވަތުގެ އެއްވެސް އަމަލެއް ކުރައްވާފައި ނުވާނެކަމަށެވެ.

ފަނޑިޔާރު ދީދީގެ ސުލޫކީ މައްސަލާގައި އޭނާ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ބާތިލުކޮށްފައެވެ. އެހެންނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކުރާން ނިންމާ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ކަނޑައަޅާފައެވެ.