ކުޅިވަރު

ބައްސާމް ޒާތީވުމުން، ގިނަ ބައެއްގެ ފާޑުކިއުން ބައްސާމްއަށް އަމާޒްވެއްޖެ


ކަންކަން ރަގަނޅު ކުރުމަށް ބުނުމުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކަން ޒާތީގޮތުން ނަންގަވާފައިވާކަމަށް ބުނެ، އެފް.އޭ.އެމްގެ ރައީސް ބައްސާމަށް، ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

ބައްސާމަށް ފާޑުކިއުންތައް އަމާޒުވެފައި މިވަނީ، އެފް.އޭ.އެމުން އެންމެ އެކަށީގެންވާ ގޮތަށް ސީޒަންއަށް ތައްޔާރުނުވާކަމަށް ބުނެ ތަޖުރިބާކާރު ކޯޗް އަލީ ސުޒޭން ކުރެއްވި ކޮމެންޓުގެ ރައްދުގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މެޗްތައް ނިންމުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭނުންކުރާ ބެކް ޑްރޮޕްގައި ސްޓިކަރ ތަތްކޮށްގެން ބޭނުންކުރުމާއި، މި އަހަރު ސީޒަނުގައި މިދިޔަ އަހަރު ބޭނުންކުރި ބޯޅަތަކެއް ބޭނުންކުރަމުންދާތީ، އެކަން ފާހަގަކޮށް، ސުޒޭން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ޓްވިޓަރގައި މިކަމަށް ރައްދުދެއްވަމުން ބައްސާމް ވިދާޅުވީ، އެންމެ ބޮޑަށް މިހާރު ދެކެވެމުންދަނީ ޕޯސްޓް މެޗް ޕްރެސް ކޮންފަރެންސް ބައްވާ ބެކް ޑްރޮޕްގެ ވާހަކަކަމަށާއި އެކަން މިހާރު ހައްލުކުރައްވާފައިވާކަމަށެވެ. އަދި އުއްމީދު ކުރައްވަނީ ،މީގެފަހުން މެޗުގެ ނަތީޖާއަށް ފޯކަސް ބަހައްޓާނެކަމަށްވެސް ބައްސާމްގެ ޓްވީޓްގައި ވަނީ ވިދާޅުވިއެވެ

މިއާގުޅިގެން، ކަންކަން ރަނގަޅުކުރުމަށް ވާހަކަދެއްކުމުން، ބައްސާމް އެކަން ޒާތީގޮތުން ނަންގަވާފައިވާކަމަށް ބުނެ، ބައެއް ފަރާތްތަކުންވަނީ ބައްސާމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިއެވެ. ބައެއް ފަރާތްތަކުން ބުނީ، ކަންކަން ރަނގަޅު ކުރުމަށް ބުނުމުން، އެވާހަކަ ބުނާ މީހާ ގޯސްވެ، އެކަމާ ޒާތީވުމުން އެނގެނީ، އެފްއޭއެމްގެ ރައީސްގެ ނާޤާބިލުކަން ކަމަށެވެ.
ސީޒަންއަށް ތައްޔާރުވުމަށް ކުރަންޖެހޭ ކަންތައްތަކަކީ އެފް.އޭ.އެމުން ކުރަންޖެހޭ ކަންތައްތަކެއްކަމަށާއި، އެއީ އެހެން ބަޔަކު ކުރަންޖެހޭކަމެއް ނޫންކަންވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައިއެވެ.

އަދި ބައްސާމް ވަނީ ދިވެހި ފުޓްބޯޅަ ހަލާކުކޮށްލާފަކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވައެވެ. ކަންކަން ރަނގަޅު ކުރަން ބުނާ މީހާ ގޯސްކުރެއްވުމަށްފަހު އެކަން ރަނގަޅުކުރެއްވުމަކީ އެފްއޭއެމްގެ ރައީސްއަށް ކުރެއްވުނު މާމޮޅު ކަމެއް ނޫންކަމަށްވެސް ފާޑުކީ ފަރާތްތަކުންވަނީ ބުނެފައިއެވެ.
އާ ފުޓްބޯޅަ ސީޒަން ފެށެންވާއިރަށް ބެކް ޑްރޮޕްއެއް ނުހެދުމުން، ފުޓްބޯޅައަށް ބައްސާމުގެ ސަމާލުކަން ހުންނެވި މިންވަރު އެނގޭކަމަށްވެސް ބައްސާމުގެ ޓުވީޓަށް ޖަވާބުދެމުން ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގައި އެފް.އޭ.އެމަށް އެންމެ އެކަށީގެންވާ ގޮތަކަށް މަސައްކަތްކުރެވިފައިނުވާކަމަށް ބައްސާމް އެއްބަސްވެވަޑައިގެންފައިވާއިރު، ބައްސާމް ވަނީ އެކަމަށްވެސް ގިނަ އުޒުތަކެއް ދައްކަވާފައެވެ. ރާއްޖޭގެ އެސޯސިއޭޝަންތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ އެފް.އޭ.އެމްގައިއެވެ.
އަދި އެސޯސިއޭޝަންތަކުގެ ބަޖެޓްގެ ތެރެއިން އެންމެ ބޮޑު ބަޖެޓްއެއް ފާސްކޮށްފައިވަނީވެސް އެފް.އޭ.އެމްއިންނެވެ.