ވިޔަފާރި

ޤަތަރުން ޕާކިސްތާނުގައި އިތުރު 3 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ


ޤަތަރުން ޕާކިސްތާނުގައި އިންވެސްޓްކުރާ މިންވަރު އިތުރުކުރުމަށް ނިންމައިފިއެވެ.

ޤަތަރުން ޕާކިސްތާނުގައި މިހާރުވެސް 6 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ކުރިއަށްގެންދާއިރު، ޤަތަރުން ވަނީ އިތުރު 3 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ޕާކިސްތާނުގައި ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

ޤަތަރުން ޕާކިސްތާނުގައި އިންވެސްޓްކުރާ މިންވަރު އިތުރުކުރުމަށް ނިންމާފައިވަނީ، މި ހަފްތާ ތެރޭގައި ޤަތަރުގެ އަމީރު، ޝައިޚް ތަމީމް ބިން ހަމަދު އަލް ސާނީ ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުއެވެ.

ޤަތަރުން އަލަށް އިންވެސްޓްކުރަން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި އޭވިއޭޝަން ދާއިރާ، މެރިޓައިމް ދާއިރާ، މަތީ ތައުލީމުގެ ދައިރާއާއި އަސްކަރީ ދާއިރާ ހިމެނެއެވެ.

އަސާސީ ޚިދުމަތްތައް ނުލިބުމާއި ތަކެތީގެ އަގު އުފުލިފައިވާ ޕާކިސްތާނުގައި ޤަތަރުން ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެޤައުމަށް އުމްރާނީގޮތުން ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ޕާކިސްތާނުގެ އޮފިޝަލުން ބުނެއެވެ.

ޤަތަރުގެ އިތުރުން ޗައިނާއާއި ސަޢުދީ ޢަރަބިއްޔާއިންވެސް ދަނީ ޕާކިސްތާނުގައި ގިނަ އިންވެސްޓްމަންޓްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. ނަމަވެސް ޕާކިސްތާނުގެ ސަރުކާރުން ބުނާގޮތުން އެޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅެންއޮތީ އައި.އެމް.އެފުން ހޯދަން މަސައްކަތްކުރާ 6 ބިލިއަން ޑޮލަރުގެ ލޯނު އެހީ ލިބިގެނެވެ. އައި.އެމް.އެފުން މިލޯނު ދިނުމަށް ގިނަ ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ޙަރަދުތައް ކުޑަކުރުން ހިމެނެއެވެ.

އަޑިއަޅާލާފައިވާ ޕާކިސްތާނުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް އެޤައުމުގެ ބޮޑުވަޒީރު އިމްރާން ޚާން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެޤައުމުގެ ޚަރަދުބޮޑު އަސްކަރިއްޔާގެ ބަޖެޓް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.