ވިޔަފާރި

ޑްރޯންތަކުގެ ސަބަބުން ޗަންގީ އެއަރޕޯޓްގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފި


ހުއްދަ ނުހޯދައި ޑްރޯން އުދުއްސުމުގެ މައްސަލަތައް ގިނަވެގެން ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓުގެ ފްލައިޓް އޮޕަރޭޝަންތަކަށް ބުރޫ އަރައިފިއެވެ.

ސިންގަޕޫރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ހުއްދަ ނުހޯދައި އެއަރޕޯޓް ކައިރީ ޑްރޯން އުދުއްސުމުން، ދުނިޔޭގެ އެންމެ ކާރޫބާރު ބޮޑު އެއް އެއަރޕޯޓްކަމަށްވާ ޗަންގީ އެއަރޕޯޓުގެ ފްލައިޓް އޮޕަރޭޝަންތަކަށް މިހަފްތާ ތެރޭގައި ވަރަށް ބޮޑަށް ބުރޫ އަރާފައިވާކަމަށެވެ. އެގޮތުން 37 ފްލައިޓެއް ޑިލޭވެ، 7 ފްލައިޓެއް ޑައިވާޓް ކުރަންޖެހުނުކަމަށް އެ އޮތޯރިޓީން ބުނެއެވެ. މީގެ އިތުރުން ޑްރޯންތަކުގެ ސަބަބުން ޗަންގީ އެއަރޕޯޓުގެ ރަންވޭއެއްވެސް ވަނީ މިދިޔަ ހަފްތާގައި ވަގުތީގޮތުން ބަންދުކޮށްފައެވެ.

ސިންގަޕޫރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އެއަރޕޯޓްތައް ކައިރީ ޑްރޯން އުދުއްސުމަކީ އެ އޮތޯރިޓީން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ކަމެއްކަމަށެވެ. އަދި އެންމެފަހުން ކުރިމަތިވި މައްސަލަތައް މިހާރު ތަހުޤީޤްކުރަމުންދާކަމަށާއި އެކަމުގައި ކުށްވެރިވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ނުވަތަ 12 މަހުގެ ޖަލު ޙުކުމެއް އައުން އެކަށީގެންވާކަމަށެވެ.

އެއަރޕޯޓްތައް ކައިރީ ޑްރޯން އުދުއްސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޓްކުރަމުން އަންނަ އެއަރޕޯޓްތަކަށް މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މިދިޔަ ޑިސެމްބަރުމަހު އިނގިރޭސިވިލާތުގެ ގެޓްވިކް އެއަރޕޯޓަށްވެސް މިފަދަ މައްސަލަތަކެއް ކުރިމަތިވެގެން ލައްކައެއްހާ ފަސިންޖަރުންގެ ދަތުރުތަކަށް ވަނީ ބުރޫ އަރާފައެވެ.