ޚަބަރު

ޓްރަމްޕާއި ކިމްއާ ދެމެދު ތިން ވަނަ ސަމިޓެއް ބޭއްވުމާ މެދު މަޝްވަރާކުރަމުން އެބަދޭ: މޫން


އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުންއާ ދެމެދު ތިން ވަނަ ސަމިޓެއް ބޭއްވުމާ ބެހޭގޮތުން ދެ ޤައުމުގެ ދެމެދު، ފަރުދާގެ ފުރަގަހުން މަޝްވަރާތައް ކުރިއަށްދާކަމަށް ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިން ވިދާޅުވެއްޖެއެވެ.

ދެ ޤައުމުގެ އިސްވެރިންގެ އެންމެ ފަހުން ބައްދަލުކުރައްވާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު ވިއެޓްނާމުގައެވެ. ދެ ބޭފުޅުންގެ ދެމެދު ބޭއްވި ދެވަނަ ސަމިޓު ނިންމާލާފައިވަނީ އެއްވެސް އެއްބަސްވުމަކާ ނުލައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ދެކުނު ކޮރެއާގެ ރައީސް މޫން ވިދާޅުވީ، ދެ ޤައުމުގެ އިސްވެރިންގެ ދެމެދު ތިންވަނަ ސަމިޓެއް ބޭއްވުމުގެ މަޝްވަރާތައް ދެ ޤައުމުންވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ވިއެޓްނާމްގައި ބޭއްވި ސަމިޓްގައި ދެ ޤައުމުން ވެސް ފާޅުކޮށްފައިވާ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.

ދެ ޤައުމުގެ އިސްވެރިންގެ ދެމެދު ސަމިޓެއް ބޭއްވުމުގެ ކުރިން ވަރކިންގް ލެވަލް ބައްދަލުވުންތަކެއް ބޭއްވުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަމަށާއި، އެމެރިކާއިން ވަނީ ވީ އެންމެ އަވަހަކަށް މަޝްވަރާގެ މޭޒުދޮށަށް އައުމަށް އުތުރު ކޮރެއާއަށް ގޮވާލާފައިކަމަށް މޫން ވިދާޅުވިއެވެ.