ޚަބަރު

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފި


އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އިންޑިޔާއަށް ކުރެއްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ ބައްދަލުކުރައްވާ، މަޝްވަރާކުރައްވައިފިއެވެ.

އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދު އޮންނަ ވިޔަފާރިއާއި ދިފާޢީ ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިކަމަށް، ރޮއިޓަރސްއިން ވަނީ ބުނެފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރާއި އިންޑިޔާގެ ބޮޑުވަޒީރާ ދެމެދު ބޭއްވި މަޝްވަރާތަކާ ބެހޭގޮތުން ދެ ޤައުމުގެ ސަރުކާރުންވެސް އަދި ރަސްމީކޮށް މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖަޔަޝަންކަރާ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ބައްދަލުކުރައްވާނެ ކަމަށާއި، މި ބައްދަލުކުރެއްވުމަށް ފަހު ދެ ބޭފުޅުން ނޫސްވެރިންނާ މުޙާތަބުކުރައްވާ ވާހަކަ ދައްކަވާނެކަމަށެވެ.

އަދި ބުދަ ދުވަހުގެރޭ އިންޑިއާގައި ހުންނަ އެމެރިކާގެ އެމްބަސީގައި އޮންނަ ފަރިކޮޅެއްގައި ޕޮމްޕެއޯ ޚާއްޞަ ތަޤްދީރެއް ދެއްވާނެ ކަމަށާއި، ޖަޕާނުގައި މި ހަފުތާބަންދުގައި އޮންނަ ޖީ-ޓްވެންޓީގެ އިސްވެރިންގެ ސަމިޓަށް އޭނާ ޖަޕާނަށް ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު ކަމަށްވެސް އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އިންޑިޔާއަށް ދަތުރެއް ކުރައްވާފައި މިވަނީ އެމެރިކާއިން އިންޑިޔާއަށް އެތެރެކުރާ 28 އުފެއްދުމަކުން ޓެކްސް ނަގާ މިންވަރު އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އިންޑިއާއިން މި ފިޔަވަޅުތައް އަޅާފައިވަނީ އެމެރިކާއިން އިންޑިއާއަށް ދޭ ބައެއް އިޤްތިޞާދީ އިނާޔަތްތައް އަނބުރާ ގެންދިއުމުގެ ސަބަބުންނެވެ.