ވިޔަފާރި

ހަށިގަނޑުގެ ދުޅަހެޔޮކަމަށް ޚާއްސަ ރިސޯޓެއް ޗަމްޕާއިން ތަރައްޤީކުރަނީ


ހަށިގަނޑުގެ ދުޅަހެޔޮކަމަށް ޚާއްސަކޮށްގެން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ވެލްނަސް ރިސޯޓް ޗަމްޕާއިން ތަރައްޤީކުރަން ފަށައިފިއެވެ.

ކްރޯން އެންޑް ޗަމްޕާ ރިސޯޓްސްއިން ރާއްޖޭގެ ފުރަތަމަ ވެލްނަސް ރިސޯޓް، ކަގި މޯލްޑިވްސް ސްޕާ އައިލެންޑް ތަރައްޤީކުރަން ފަށާފައިވާއިރު މިރިސޯޓަކީ މާލެ އަތޮޅު ކަގީގައި ތަރައްޤީކުރާ ރިސޯޓެކެވެ.

2.5 ހެކްޓަރުގެ ބިމެއްގައި ތަރައްޤީކުރާ މިރިސޯޓުގެ އެންމެ ޚާއްސަ ސިފަތަކުގެ ތެރޭގައި މިރިސޯޓުގެ ފަޅުތެރޭގައި ތަރައްޤީކުރާ ސްޕާ އެންޑް ވެލްނަސް ސެންޓަރު ހިމެނެއެވެ. މިސެންޓަރުގައި ހަތް ސިންގަލް ޓްރީޓްމަންޓް ރޫމާއި، ޑަބަލް ޓްރީޓްމަންޓްގެ ހަ ރޫމާއި، އޯޕަން އެއަރ ޔޯގާ ޕެވީލިއަންއެއް ހިމެނެއެވެ.

ވެލްނަސް ސެންޓަރުގެ އިތުރުން، މިރިސޯޓުގައި 50 ކޮޓަރި ހިމެނޭއިރު، އޭގެ ތެރޭގައި 40 ވޯޓަރ ޕޫލް ވިލާއާއި 10 ބީޗް ޕޫލް ވިލާ ހިމެނެއެވެ. މީގެ އިތުރުން ދެ ރެސްޓޯރަންޓަކާއި ބާއެއްގެ އިތުރުން ޑައިވް އެންޑް ވޯޓަރ ސްޕޯޓްސް ސެންޓަރެއްވެސް މިރިސޯޓުގައި ހުންނާނެއެވެ.

މިރިސޯޓް ފަރުމާކޮށްފައިވަނީ މިފަދަ ގިނަ ރިސޯޓްތަކެއް ފަރުމާކޮށްފައިވާ އެމެރިކާގެ މަޝްހޫރު ޔުޖީ ޔަމަޒާކީ އާކިޓެކްޗަރއިންނެވެ. އެކުންފުނިން ފަރުމާކޮށްފައިވާ ރާއްޖޭގެ މަޝްހޫރު ރިސޯޓްތަކުގެ ތެރޭގައި ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑާއި ކޮންރަޑް މޯލްޑިވްސް ރަންގަލީގައި ތަރައްޤީކޮށްފައިވާ ކަނޑުއަޑީގެ ކޮޓަރިވެސް ހިމެނެއެވެ.

ކަގި މޯލްޑިވްސް ސްޕާ އައިލެންޑް ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މިރިސޯޓު ހުޅުވާނެ ދުވަހެއް އަދި އިޢުލާންކޮށްފައެއް ނުވެއެވެ.