ވިޔަފާރި

މަޝްރޫޢުތަކަށް ގެނައި އުޅަނދުތަކުގެ ތެރެއިން އަނބުރާ ފޮނުވާނުލާ އުޅަނދުތަކަށް ޑިއުޓީ ދައްކަން އަންގައިފި


ރާއްޖޭގައި ހިންގާ މަޝްރޫޢުތަކަށް މިދިޔަ 3 އަހަރު ތެރޭގައި އެތެރެކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން އަނބުރާ ފޮނުވާލާފައިނުވާ އުޅަނދުތަކަށް ޑިއުޓީ ދެއްކުމަށް ކަސްޓަމްސްއިން އަންގައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ބުނީ އެކި އެކި މަޝްރޫޢުތަކުގެ ބޭނުމަށް އެތެރެކުރެވޭ އުޅަނދުފަހަރުތަކަކީ އެތަކެތި އެތެރެކުރެވޭ ޕްރޮޖެކްޓެއްގައި އެކަނި ބޭނުން ކުރުމަށް ނުވަތަ މުއްދަތު ހަމަވުމުން ޑިއުޓީފްރީ އެހެން ޕްރޮޖެކްޓަކަށް ބަދަލުކުރުމަށް ޝަރުތުކޮށް ވަކި މުއްދަތަކަށް ގެނެވޭ އުޅަނދުކަމަށެވެ. އެހެންކަމުން މިގޮތަށް ހުއްދަދެވޭ މުއްދަތު ހަމަވުމުގެ ކުރިން އުޅަނދު އަނބުރާ ފޮނުވާލަން ޖެހޭކަމަށާއި އުޅަނދު ފޮނުވާނުލެވޭނަމަ އުޅަނދުގެ އަގުން ދައުލަތަށް އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިގޮތުން ވޭތުވެދިޔަ 3 އަހަރު އެކި ޕްރޮޖެކްޓްތަކުގައި ބޭނުންކުރުމަށް 51 އުޅަނދެއް ރާއްޖެއަށް އެތެރެކޮށްފައިވާއިރު އޭގެ ތެރެއިން ހުއްދަދީފައިވާ މުއްދަތު ހަމަނުވާތީ 37 އުޅަނދެއް އަދިވެސް ގެންދަނީ ބޭނުންކުރަމުންކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ މުއްދަތު ހަމަވެގެން 12 އުޅަނދެއް ރާއްޖެއިން އަނބުރާ ފޮނުވާލަން ނުވަތަ އުޅަނދުގެ ޑިއުޓީއަށްވާ ފައިސާ ދައްކަން އަންގާފައިވާއިރު، މީގެ ތެރެއިން އަނބުރާ ފޮނުވާލާފައިވަނީ 2 އުޅަނދެއްކަމަށެވެ. އަދި މިހާރު އަނބުރާ ފޮނުވާނުލެވި ރާއްޖޭގައިއޮތް 10 އުޅަނދަކަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައިޖެހޭ 39.7 މިލިއަން ރުފިޔާ ކަސްޓަމްސް އަށް ދެއްކުމަށް އަންގާފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ތަރައްޤީގެ މަޝްރޫޢުތަކަށް 2016 ވަނަ އަހަރު 9 އުޅަނދެއްވަނީ ޑިއުޓީ ފްރީކޮށް އެތެރެކޮށްފައެވެ. 2017 ވަނަ އަހަރު 23 އުޅަނދެއް އެތެރެކޮށްފައިވާއިރު 2018 ވަނަ އަހަރު 19 އުޅަނދެއް އެތެރެކޮށްފައިވެއެވެ.