ކުޅިވަރު

އަންނަ ސީޒަނަކީ ސިޓީއަށް ކުޅޭނެ ފަހު ސީޒަން - ސިލްވާ


ކުރިއަށް އޮތް ސީޒަނަކީ މެންޗެސްޓަރ ސިޓީއަށް ކުޅޭނެ ފަހު ސީޒަންކަމަށް ތަޖުރިބާކާރު މިޑްފިލްޑަރ ޑޭވިޑް ސިލްވާ ބުނެފި އެވެ.

ސިލްވާ ބުނީ އަންނަ ސީޒަނަކީ އޭނާ ސިޓީއަށް ކުޅޭނެ ދިހަވަނަ ސީޒަންކަމަށާއި ދިހަ އަހަރަކީ ހިތްހަމަޖެހޭ މުއްދަތެއްކަމަ ށެވެ.

ޑޭވިޑް ސިލްވާ މެންޗެސްޓަރ ސިޓީއާއި ގުޅުނީ ދެހާސް ދިހަވަނަ އަހަރު ސްޕެއިންގެ ވެލެންސިއާއިން ނެވެ. ސިލްވާ ވަނީ މެންޗެސްޓަރ ސިޓީއާއެކު މިހާތަނަށް ހޭދަކުރި ނުވަ ސީޒަންގައި ހަތަރު ފަހަރު އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކޮށް ދެ ފަހަރު އެފްއޭ ކަޕް އަދި ހަތަރު ފަހަރު ލީގް ކަޕްވެސް ކާމިޔާބުކޮށްފަ އެވެ.

ސިލްވާ ބުނީ އޭނާ ކްލަބް ދޫކޮށްލަން ނިންމީ އޭނާގެ އާއިލާއަށް އިތުރު ވަގުތު ދޭން ބޭނުންވާތީކަމަ ށެވެ. ނަމަވެސް އަދި ފުޓްބޯޅަ ކުޅުން ހުއްޓާލަން ބޭނުން ނުވާކަމަށްވެސް ސިލްވާ ބުންޏެވެ. މީގެ އިތުރުން މެންޗެސްޓަރ ސިޓީ ދޫކޮށްލުމަށްފަހު އޭނާ ޗައިނާ ލީގަށް ބަދަލުނުވާނެކަން ފާހަގަކޮށް ސިލްވާ ބުނީ މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ކުޅެން ބޭނުން ނުވާކަމަ ށެވެ.

އުމުރުން ތިރީސް ތިން އަހަރުގެ ސިލްވަ ވަނީ މެންޗެސްޓަރ ސިޓީއަށް މިހާތަނަށް ތިންސަތޭކަ ނުވަދިހަ ހަ މެޗު ކުޅެދީ، ހަތްދިހަ އެއް ލަނޑު ޖަހާދީފަ އެވެ.