ވިޔަފާރި

4 ވަނަ ތައިލެންޑް ބިޒްނަސް މެޗިންގ ފޯރަމް ފަށައިފި


ދިވެހި ވިޔަފާރިވެރިންނަށް ތައިލެންޑްގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ބާއްވާ "ތައިލެންޑް ބިޒްނަސް މެޗިންގ ފޯރަމް" ފަށައިފިއެވެ.

ދަރުބާރުގޭގައި އެއްދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމް ރަސްމީކޮށް ފަށްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއެވެ.

ދަރުބާރުގޭގައި އެއްދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމަކީ އިކޮނޮމިކް މިނިސްޓްރީއާއި ތައިލެންޑުގެ މިނިސްޓްރީ އޮފް ކޮމާސްއާ ގުޅިގެން ދެޤައުމުގެ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށްޓަކައި ބާއްވާ ފޯރަމެކެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމްގައި ތައިލެންޑްގެ ހަތާވީސް ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ފުޑް އެންޑް ބެވަރޭޖަސް، ސްޕާ ޕްރޮޑަކްޓްސް، ހޮޓެލްތަކަށް ބޭނުންވާ ތަފާތު ސާމާނުގެ އިތުރުން ދިވެހިންގެ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ސާމާނު ވިއްކާ ކުންފުނިތައް މި ފޯރަމްގައި ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ މަރކެޓިންގ ޕްރޮމޯޝަން ފާތިމަތް ހިމާ ވިދާޅުވީ މިއީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ވިޔަފާރީގައި އިތުރު ފުރުސަތު ހޯދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ ފޯރަމެއްކަމަށެވެ. ވަކީން ޚާއްސަކޮށް ތައިލެންޑަކީ ރާއްޖެއިން މިހާރުވެސް ވިޔަފާރީގެ ގުޅުން އޮންނަ ޤައުމަކަށް ވުމާއެކު މުސްތަޤްބަލުގައި މިގުޅުން އިތުރުކުރުމަކީ އިކޮނޮމިކް މިނިސްޓްރީގެ އަމާޒެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ތައިލެންޑްގެ މިނިސްޓްރީ އޮފް ކޮމާސްގެ ދަށުން ހިންގާ ތައި ޓްރޭޑް ސެންޓަރުގެ ޑައިރެކްޓަރ ޖިތިމާ ނަކަމާނޯ ވިދާޅުވީ ފާއިތުވެ އަހަރުތަކުގައި ބޭއްވި ފޯރަމްތަކުން ވެސް ވިޔަފާރީގެ ރަނގަޅު ފުރުސަތަކެއް ފަހިވިކަމަށެވެ. އަދި އުއްމީދަކީ ދެ ޤައުމުގެ ވިޔަފާރި މުޢާމަލާތްތަކުގެ އަގު 100 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މި ފޯރަމްގެ ޒަރިއްޔާއިން މި އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ތައިލެންޑް ބިޒްނެސް މެޗިންގ ފޯރަމް" ރާއްޖޭގައި ބާއްވަމުން އަންނަތާ މިއީ ހަތަރު ވަނަ އަހަރެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ އެމިނިސްޓްރީގެ އުއްމީދަކީ ވީހާވެސް ގިނަ ވިޔަފާރިވެރިން މި ފޯރަމްގައި ބައިވެރިވުންކަމަށެވެ.