ޚަބަރު

ލުތުފީއާއި ސޮފްވާން މަޤާމުން ވަކިކުރަން ކޮމިޓީން ނިންމައިފި


އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީއާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ސޮފްވާން، އެބޭފުޅުން ތިއްބެވި ކޮމިޝަންތަކުން ވަކިކުރުމަށް މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.

ލުތުފީއާއި ސޮފްވާން މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީން ނިންމާފައި މިވަނީ އެ ދެބޭފުޅުންވެސް މަޤާމުގެ މަސްޢޫލިއްޔަތު އަދާނުކޮށް، ބަރާބަރަށް މުސާރަ ނަންގަވަމުންދާ މައްސަލަ އެކޮމިޓީން ބެއްލެވުމަށްފަހުއެވެ. މިގޮތުން ލުތުފީ ކޮމިޝަންގެ މަސައްކަތަށް ނުނިކުންނަވާތާ 3 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ސޮފްވާން މަސައްކަތަށް ނުނިކުންނަވާތާ 8 މަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.

މިމައްސަލާގައި އޭސީސީއާއި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުންވެސް ވަނީ މިނިވަން މުޢައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީއާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ސޮފްވާން، މަޤާމުން ވަކިކުރުމަށް މިނިވަން މުޢައްސަސާތަކުގެ ކޮމިޓީން ނިންމާފައިވާއިރު، އެކަމުގައި ދެން ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.