ޚަބަރު

ޢަރަބި ދުނިޔެއާއި އިސްރާއީލުން ބޭނުންވާ ކަންކަން އެއް ޕްލޭނެއްގައި އެކުލެވުމަކީ ނާދިރުކަމެއް: ކުޝްނަރ


މެދުއިރުމަތީގެ މައްސަލައިގައި އެމެރިކާއިން އެކުލަވާލާފައިވާ ސުލްޙައިގެ ޕްލޭން، މިކަމުގައި ޢަރަބި ޤައުމުތަކުން އެކުލަވަލާފައިވާ ޕްލޭނާ އެކުއެކީ ތަންފީޒު ނުކުރެވޭނެކަމަށް، އެމެރިކާ ސަރުކާރުން މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ މުޝީރު ޖެރާޑް ކުޝްނަރ ވިދާޅުވެއްޖެއެވެ.

ޤަތަރުގެ ޢަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ކުޝްނަރ ވިދާޅުވީ، ފަލަސްޠީނާއި އިސްރާއީލާ ދެމެދު ސުލްޙަ ޤާއިމުކުރުމުގެ މަޤްޞަދުގައި ޢަރަބި ޤައުމުތަކުން އެކުލަވާލާފައިވާ ޕްލޭނާއި މި މައްސަލައިގައި އިސްރާއީލުން އެދާ ގޮތް ތަފާތުކަމަށާއި، އެހެންކަމުން އެމެރިކާއިން ޤާއިމުކުރާ ސުލްޙައިގެ ޕްލޭނާ އެކުއެކީ، ޢަރަބިންގެ ޕްލޭން ތަންފީޒުކުރެވުމަކީ ނާދިރު ކަމެއްކަމަށެވެ.

އަދި މިކަމުގައި އެއްބަސްވުމެއް ޤާއިމުކުރި ނަމަވެސް، މި އެއްބަސްވުން ވާންޖެހޭނީ، މި ދެ ޕްލޭންގައި ހިމެނޭ ކަންކަން އެކުލެވޭ، މެދުމިނުގެ ޕްލޭނަކަށް ކަމަށް ކުޝްނަރ ވިދާޅުވިއެވެ. މެދުއިރުމަތީގެ މައްސަލައިގައި ޢަރަބި ގައުމުތަކުން އެކުލަވާލާފައިވާ ޕްލޭންގައި ގޮވާލަނީ 1967 ވަނަ އަހަރު ކުރި ޢަރަބި އިސްރާއީލު ހަނގުރާމައިގައި އިސްރާއީލުން ހިފި ސަރަހައްދުތައް ހިމަނައިގެން ފަލަސްޠީނުގެ ދައުލަތުގެ ސަރަހައްދީ ރޮނގުތައް ކަނޑައަޅާ، އިރުމަތީ ޤުދުސަކީ އެ ދައުލަތުގެ ވެރިކަންކުރާ ރަށުގެ ގޮތުގައި ކަނޑައެޅުމަށެވެ.

އަދި ފަލަސްޠީނުގެ ރެފިއުޖީން އަނބުރާ ވަޒަނަށް ދިއުމުގެ ފުރުސަތު ދިނުމަށްވެސް ސައުދީ ޢަރަބިއްޔާ އިސްވެގެން އެކުވަލާވާފައިވާ މި ޕްލޭންގައި ގޮވާލައެވެ. އިސްރާއީލުން ވަނީ މި ޕްލޭންގައި ހިމެނޭ ނުކުތާތަކަށް މީގެ ކުރިންވެސް ދެކޮޅު ހަދާފައެވެ.

ކުޝްނަރ މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ ފަލަސްޠީނާއީ އިސްރާއީލާ ދެމެދު ސުލްޙަ ޤާއިމުކުރުމަށްޓަކައި އެމެރިކާއިން އެކުލަވާލާފައިވާ ސުލްޙައިގެ ޕްލޭންގެ ދަށުން ފަލަސްޠީނުގެ އިޤްތިޞާދު ހަމައަކަށް އެޅުވުމުގެ މަޤްޞަދުގައި އެމެރިކާއިން އިސްނަގައިގެން ބަހްރައިންގައި ކޮންފަރެންސެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ޢަރަބި ބައެއް ގައުމުތަކުން މި ކޮންފަރެންސްގައި ބައިވެރިވާނެކަމަށް ބުނި ނަމަވެސް ފަލަސްޠީނުން ބުނެފައިވަނީ މި ކޮންފަރެންސް ބޮއިކޮޓް ކުރާނެކަމަށެވެ.