ކުޅިވަރު

ބަންގްލަދޭޝް ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ އުއްމީދު ބޮޑުކޮށްފި


އަފްޣާނިސްތާން ބަލިކޮށް ބަންގްލަދޭޝް ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ އުއްމީދު ބޮޑުކޮށްފިއެވެ.

އިނގިރޭސި ވިލާތުގައި މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗްގައި ބަންގްލަދޭޝް އިން އަފްޣާނިސްތާނުގެ މައްޗަށް ކުރި ހޯދީ 69 ލަނޑުން ނެވެ.

މިމެޗްގައި ބަންގްލަދޭޝްގެ ޝަކީބް އަލް ހަސަން ވަނީ ޖުމްލަ ފަސް ވިކެޓް ނަގައި ހާފް ސެންޗަރީ އެއް ހަމަކޮށްފަ އެވެ. ބަންގްލަދޭޝް އިން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން 262 ލަނޑު ހެދި އެވެ. މި އިނިންގްސް ގައި ބަންގްލަދޭޝް އިން އެންމެ ރަގަޅަށް ކުޅުނީ 87 ބޯޅައިން 83 ލަނޑު ހެދި މުޝްފިގާރް އެވެ. މި މެޗްގައި އަފްޣާން ޓީމުން އެންމެ ރަގަޅަށް އުކައިފައިވަނީ 39 ލަނޑަށް 3 ވިކެޓް ނެގި މުޖީބް އެވެ.

ޖަވާބުގައި އަފްޣާނިސްތާނުން ކުޅެން އަރައި 50 އޯވަރު ހަމަ ނުވަނީސް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 200 ލަނޑެ އެވެ. މި މެޗްގައި އަފްޣާނިސްތާނުން އެންމެ ރަގަޅަށް ކުޅުނީ 49 ލަނޑު ހެދި ސަމީއުﷲ ޝިންވާރީ އާއި 47 ލަނޑު ހެދި ގުލްބަދީން ނައިބް އެވެ. ބަންގަލަދޭޝް ޓީމުން އެންމެ ރަގަޅަށް މި އިނިންގްސްގައި އުކީ 29 ލަނޑަށް 5 ވިކެޓް ނެގި ޝަކީބް އަލް ހަސަން އެވެ.

މިމެޗަށް ނުކުތްއިރުވެސް އަފްޣާނިސްތާނު އޮތީ މުބާރާތުން ކަޓާފަ އެވެ. މިހާތަނަށް މުބާރާތުގެ އެއްވެސް މެޗަކުން މޮޅުވެފައި ނެތް އަފްޣާނިސްތާނު އަތުން ބަންގްލަދޭޝް ހޯދި މޮޅާއެކު އެޓީމް އޮތީ ދިހަ ގައުމު ވާދަކުރަމުން އަންނަ މުބާރާތުގެ ޕޮއިންޓް ޓޭބަލްގެ ފަސް ވަނައިގަ އެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެ އެވެ. މުބާރާތުގައި މިހާތަނަށް ހަތް މެޗް ކުޅެ ތިން މެޗް ކާމިޔާބުކޮށްފައިވާ ބަންގްލަދޭޝް އަށް ދެން މުބާރާތުގައި ބާކީ އޮތް ދެ މެޗަކީ އަވަށްޓެރި އިންޑިޔާ އާއި ޕާކިސްތާނާއި ދެކޮޅަށް ކުޅެންޖެހޭ މެޗެއެވެ.