ޚަބަރު

އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމްކޯޓުން އަމުރުކޮށްފި


އިންޑިއާގައި މިވަގުތު ހުންނެވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމްކޯޓުން މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފިއެވެ.

ސުޕްރީމްކޯޓުން އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައިވަނީ، އަދީބުގެ މައްޗަށް ސާބިތުވި ޚިޔާނާތުގެ ޙުކުމެއް ހައިކޯޓުން ބާތިލްކުރުމުން، އެމައްސަލަ ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފްކުރުމުންނެވެ. ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ދައުލަތުން އިސްތިއުނާފްކުރި މައްސަލަ އެކޯޓުން ބަލައިގަތުމަށް ނިންމާފައިވާކަމަށެވެ. އަދި އެ މައްސަލާގައި
ގޮތެއް ކަނޑައަޅަންދެން، އަހުމަދު އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކުރާކަމަށެވެ.

ހައިކޯޓްގެ ނިންމުން ބާތިލުކުރުމަށް އެދި ދައުލަތުން ހުށައެޅި މައްސަލާގައި ބުނެފައިވަނީ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ ޙުކުމް ބާތިލުކުރުމަށް ހައިކޯޓުން ނިންމި ނިންމުމަކީ މީގެ ކުރިން ސުޕްރީމްކޯޓުން ނެރެފައިވާ ދެ ޢަމުރެއްގެ މަޤްޞަދު އޮޅޭގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.

ހައިކޯޓުން ބާތިލުކޮށްފައިވަނީ ޅ.މާބިންހުރާއިން ދައުލަތަށް ލިބެންޖެހޭ 5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ 8 އަހަރުގެ ޖަލު ޙުކުމެކެވެ. މީގެ އިތުރުން ޓެރަރިޒަމްގެ މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމެއްވެސް ހައިކޯޓުން ވަނީ ބާތިލުކޮށް، އަލުން ބެލުމަށް ކްރިމިނަލްކޯޓަށް އަމުރުކޮށްފައެވެ. މީގެ ތެރެއިން ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ ހިޔާނާތްތެރިވި މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ 8 އަހަރުގެ ޖަލު ޙުކުމް ބާތިލްކުރި މައްސަލައެވެ.

އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމްކޯޓުން ކޯޓުން އަމުރުކޮށްފައިވާއިރު، އަދީބު މިވަގުތު ހުންނެވީ ބޭސްފަރުވާއަށް އިންޑިއާގައެވެ. އޭނާ އަނބުރާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.