ވިޔަފާރި

ތްރީއޭ ކުންފުނިން މީރާއަށް 43.4 މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި


ތްރީ އޭ ޓްރޭޑިންގ ކޮމްޕެނީން މީރާއަށް 43.4 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

މީރާއަށް 43.4 މިލިއަން ރުފިޔާ ނުވަތަ 2.8 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވާއިރު، މިފައިސާއަކީ ޓީޖީއެސްޓީއާއި އެއާ ގުޅޭ ޖޫރިމަނާގެ ފައިސާގެ އިތުރުން، ގްރީން ޓެކްސްއާ އެއާ ގުޅޭ ޖޫރިމަނާގެގޮތުގައި ތްރީ އޭ ކުންފުނިން މީރާއަށް ދައްކަންޖެހި، ނުދައްކާ އޮތް ފައިސާއެވެ.

ސިވިލް ކޯޓުގެ ޙުކުމުގައި ވަނީ ޓީޖީއެސްޓީ އަދި އެއާ ގުޅޭ ޖޫރިމަނާގެ ގޮތުގައި ތްރީ އޭ ކުންފުނިން މީރާއަށް 1.8 މިލިއަން ޑޮލަރު ނުވަތަ 28.6 މިލިއަން ރުފިޔާ ދައްކަންޖެހޭކަން ސާބިތުވާކަމަށެވެ. އަދި ގްރީން ޓެކްސްއާ އެއާ ގުޅޭ ޖޫރިމަނާގެ ގޮތުގައި ނުވަ ލައްކަ ފަންސާސް ނުވަ ހާސް ސަތަރު ސަތޭކަ ފަންސާސް ހަތަރު ޑޮލަރު ނުވަތަ 14.7 މިލިއަން ރުފިޔާ މީރާއަށް ދައްކަންޖެހޭކަން ސާބިތުވާކަމަށްވެސް ސިވިލް ކޯޓުން ބުނެއެވެ.

ސިވިލް ކޯޓުގެ ޙުކުމްގައި ބުނެފައިވަނީ ތްރީއޭ ކުންފުނިން މީރާއަށް ދައްކަންޖެހޭ 43.4 މިލިއަން ރުފިޔާ ނުވަތަ 2.8 މިލިއަން ޑޮލަރު އަރަމުންދާ ޖޫރިމަނާއާއެކު މިއަދުން ފެށިގެން 5 މަސް ދުވަހުގެ ތެރޭގައި ދައްކާ ޙަލާސްކުރަންޖެހޭކަމަށެވެ.