ކުޅިވަރު

ޑެނި އަލްވޭސް ޕީއެސްޖީ ދޫކޮށްލައިފި


ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ކެޕްޓަން ޑެނީ އަލްވޭސް އެ ކްލަބް ދޫކޮށްލައިފި އެވެ.

ފްރާންސް ލީގުގެ ޗެމްޕިއަން ޕީއެސްޖީ ދޫކޮށްލިކަން އޭނާ ހާމަކޮށްފައިވަނީ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގައި ޕެރޫ އަތުން މޮޅުވި މެޗަށްފަހު އެވެ. އޭނާ ބުނެފައިވަނީ މިއީ އޭނާގެ ފުޓުބޯޅަ ހަޔާތުގެ މުހިއްމު ބޮޅެއްގެ ނިމުން ކަމަށާއި މި ބޮޅަކީ ކާމިޔާބާއި ގިނަ ތަޖުރިބާއާއެކު ތަފާތު އެއްޗެހި ދަސްވެގެން ދިޔަ ބޮޅެއްކަމަށެވެ. އަދި މިފުރުސަތު ދިން ކަމަށްޓަކައި އޭނާ ވަނީ ޕީއެސްޖީގެ އިސްވެރިންނަށް ޝުކުރުއަދާ ކޮށްފައެވެ.

އަދި އެ ކުލަބް ދޫކޮށްލަން ނިންމީ އެއްވެސް ބަޔަކާ މައްސަލަ ޖެހިގެން ނޫން ކަމަށާއި ޕީއެސްޖީގައި ކުޅުނީ އުފަލާއެކު ކަމަށެވެ. އަދި ކުލަބުގެ އިސްވެރިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ ކަމަށާއި ކުލަބުގެ ކުޅުންތެރިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރެވުނު ކަމަށް އަލްވޭސް ބުންޏެވެ.

ޔުވެންޓަސް ދޫކޮށް އަލްވޭސް ޕީއެސްޖީއާއި ގުޅިފައިވަނީ 2017 ވަނަ އަހަރު އެވެ. ޔުވެންޓަސްގެ ކުރިން އޭނާ ވަނީ ބާސެލޯނާއަށްވެސް ކުޅެފަ އެވެ. ޕީއެސްޖިއާއެކު އަލްވޭސް ވަނީ ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ ފްރާންސް ލީގު އެއްފަހަރު، ފްރާންސް ކަޕް އެއް ފަހަރު އަދި ފްރާންސް ލީގު ދެފަހަރު ކާމިޔާބުކޮށްފަ އެވެ.