ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ކުއްޖާ މައްސަލަ ކޮމެޓީއަށް


ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ 14 އަހަރުގެ ކުއްޖާ ގެއްލުނު މައްސަލަ ރައްޔިތުން މަޖިލީހުގެ ކޮމެޓީން ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ބަލަން ނިންމައިފިއެވެ. އެ މައްސަލަވަނީ މިއަދު 12:00 ބޭއްވުމަށް ކޮމެޓީން ތާވަލުކޮށްފައެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ދަފްތަރު ނަމްބަރު 2997 އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲއެވެ. މި ކުއްޖާއަކީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން އަމާން ހިޔާގައި ހުރި ކުއްޖެއްކަމަށް އެ މިނިސްޓްރީން ރޭ ވަނީ ހާމަކޮށްފައެވެ.

މި ކުއްޖާ ގެއްލިގެން ހޯދާތާ 6 ދުވަސް ވެފައިވާއިރު މީގެ ކުރިން ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކުއްޖާ އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ކުއްޖެއްކަން ހާމަކޮށްފައެއް ނުވެއެވެ. ޖެންޑަރ މިނިސްޓްރީން އެ ކުއްޖާއަކީ އަމާން ހިޔާގައި ބަލަހައްޓަމުންދިޔަ ކުއްޖެއްކަން ހާމަކޮށްފައި މިވަނީ އެ ކުއްޖާއަކީ ޖެންޑަރ މިނިސްޓްރީން ބަލަހައްޓަމުންދިޔަ ކުއްޖެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ވާހަކަ ދައުރުވާން ފެށުމުންނެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އެ ކުއްޖާ ގެއްލިފައިވަނީ އެ މިނިސްޓްރީން ހަދަމުންދާ އެސެސްމެންޓެއް ހެދުމަށް ހިޔާގެ ބެލުމުގެ ދަށުގައި ވަގުތީ ގޮތުން ބަހައްޓާފައިވަނިކޮށް ކަމަށެވެ. އަދި އެ ކުއްޖާއަކީ އަމާން ހިޔާގައި މަރުކަޒު ކުރުމަށް ގެނެސްފައިވާ ކުއްޖެއް ނޫންކަމަށާ، އެ ކުއްޖާ އަމާން ހިޔާގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވަނީ އެ ކުއްޖާ އާއި ގުޅިގެން ހުށަހެޅުނު މައްސަލައެއް ބަލަމުންދާތީ ކަމަށެވެ.

ޝައިމް ގެއްލިގެން ފުލުހުން ހޯދަން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އެ ކުއްޖާ ހޯދުމަށް 3 ގެއެއް މިހާތަނަށް ބަލާ ފާސްކޮށްފައިވާކަމަށެވެ. އަދި ސީސީޓީވީ ފޫޓޭޖް ބަލައިގެންވެސް ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެެވެ. އަދި މިހާރުވެސް މި ކުއްޖާ ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

މި ކުއްޖާއާ ބޭހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅާ ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.