ވިޔަފާރި

އީރާނުގެ ވައިގެ ސަރަޙައްދު ބޭނުންކުރުން ހުއްޓާލުމުން ޓިކެޓް އަގުބޮޑުވެދާނެ


އިރާނުގެ ވައި ސަރަޙައްދު ބޭނުންކުރުން ހުއްޓާލުމަށް ބައެއް އެއަރލައިންތަކުން ނިންމުމާ ގުޅިގެން ފްލައިޓްތަކުގެ ޓިކެޓު އަގުބޮޑުވުމަކީ ގާތްކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.

އިރާނުގެ ވައިގެ ސަރަޙައްދުން ދަތުރުކުރި އެމެރިކާގެ ޑްރޯނެއް ވައްޓާލުމާ ގުޅިގެން، ބައެއް އެއަރލައިންތަކުން ވަނީ އެސަރަޙައްދުން ދަތުރުކުރުން ހުއްޓާލާފައެވެ. އޭގެ ތެރޭޣައި އިންޑިއާ، ޔޫއޭއީ، އެމެރިކާ އަދި މެލޭޝިޔާގެ އެއަރލައިންތައް ހިމެނެއެވެ.

ޔޫއޭއީގެ އިއްތިޙާދު އެއަރވޭސްއިން ބުނީ އީރާނުގެ ހިމެނޭ ހޮރުމޫޒް ކަނޑުއޮޅިއާއި ގަލްފް އޮފް އޮމާން ކައިރިން ދަތުރުކުރުން ހުއްޓާލުމާ ގުޅިގެން، ބައެއް ފްލައިޓްތަކުގެ ދަތުރުގެ ދިގުމިން ދިގުވެ، ބައެއް ފްލައިޓްތައް ޑިލޭވުން އެކަށީގެންވާކަމަށެވެ.

އޭވިއޭޝަން ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނީ ދަތުރުގެ ދިގުމިން އިތުރުވުމުގެ އިތުރުން، ބައެއް ފްލައިޓްތަކުގެ ޓިކެޓް 300 ޑޮލަރާއި 400 ޑޮލަރާ ދެމެދުގެ އަދަދަކުން ބޮޑުވާނެކަމަށެވެ. އަނެއްކޮޅުން މިއީ ބައެއް ޤައުމުތަކުގެ ޗުއްޓީ ދުވަސްވަރަށްވުމުން މިކަމުގެ އަސަރު ވަރަށް ބޮޑުވާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

އީރާނުގެ ވައިގެ ސަރަޙައްދުން ދަތުރުކުރި އެމެރިކާގެ ޑްރޯނެއް ވައްޓާލާފައިވާއިރު، ހޮރުމޫޒް ކަނޑުއޮޅި ކައިރިން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކަށްވެސް ބަޔަކު ވަނީ ހަމަލާދީފައެވެ.