ކުޅިވަރު

ކޮޕަ އެމެރިކާގެ ދެވަނަ ބުރުން ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު އާޖެންޓީނާއަށް ލިބިއްޖެ


ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ ބިރު ހީވެފައިވާ އާޖެންޓީނާއަށް މިރޭގެ މެޗު ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު އަލުން ލިބިއްޖެ އެވެ.

އާޖެންޓީނާއަށް އަމިއްލަ ބާރު ގެއްލުނީ ގްރޫޕްގެ ދެވަނަ ހޯދުމުގެ އަމިއްލަ ބާރު ނެތުމާއެކު ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެޓީމުގެ ތެރޭގައި ހިމެނޭނެކަމުގެ ޔަގީންކަންވެސް ނެތުމުން ނެވެ.

އެހެންނަމަވެސް ރޭ ބްރެޒިލް ޕެރޫ ކޮޅަށް ފަސް ލަނޑު ޖެހުމާއެކު އާޖެންޓީނާއަށް ވަނީ މިރޭ އެޓީމް ކުޅޭ މެޗު ކާމިޔާބުކޮށް އިތުރު ނަތީޖާއަކާ މެދު ނުވިސްނާ ދެވަނަ ބުރުން ޖާގައެއް ހޯދޭނެ ކަމުގެ ޔަގީންކަން ލިބިފަ އެވެ. އެއީ މިރޭ ގަތަރާއި ބައްދަލުކުރާ މެޗު ކާމިޔާބުކޮށްގެން އާޖެންޓީނާއަށް ގްރޫޕް އޭގެ ތިން ވަނައަށްދިޔަ ޕެރޫއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދޭނެކަން ވަނީ ޔަގީންވެފަ އެވެ. މިރޭގެ މެޗަށް ނިކުންނާނީ ސީދާ މޮޅަކާއެކު ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޮނީވެސް ވަނީ ބުނެފަ އެވެ.

އާޖެންޓީނާއަށް ގްރޫޕްގެ އެއްވަނަ މިހާރު ގެއްލިފައިވީނަމަވެސް ދެވަނައަށް އެރުމުގެ ފުރުސަތު މިހާރު ވަނީ ލިބިފަ އެވެ. އެއީ މިރޭ އެޓީމް ކުޅޭ މެޗު ކާމިޔާބުކޮށް ޕެރަގުއޭ އާއި ކޮލަމްބިއާ ކުޅޭ މެޗުން ޕެރަގުއޭ ބަލިވެއްޖެނަމަ އެވެ. އެހެންނަމަވެސް ގްރޫޕްގެ ތިން ވަނަ ޓީމުގެ ގޮތުގައިވެސް އާޖެންޓީނާއަށް ދެވަނަ ބުރުގެ ޖާގައެއް ހޯދޭނެ އެވެ.