ވިޔަފާރި

ޗައިނާއިން އެތެރެކުރާ މުދަލުން ޓެކްސް ބޮޑުނުކުރުމަށް އެޕަލްއިން އެދިއްޖެ


ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޓެކްސް އިތުރަށް ބޮޑުނުކުރުމަށް އެމެރިކާގެ މަޝްހޫރު އެޕަލް ކުންފުނިން އެމެރިކާ ސަރުކާރުގައި އެދިއްޖެއެވެ.

އެމެރިކާ ސަރުކާރުގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްއަށް އެޕަލްއިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޓެކްސް އިތުރަށް ބޮޑުކޮށްފިނަމަ އެޕަލް ކުންފުންޏަށްވެސް އޭގެ އަސަރުކުރާނެކަމަށެވެ. އަދި އެމެރިކާގެ އިޤްތިޞާދަށް އެޕަލް ކުންފުނީގެ ފަރާތުންވާ ފައިދާ ދަށަށް ދާނެކަމަށްވެސް އެޕަލްގެ ސިޓީގައި ބުނެފައިވެއެވެ.

އެޕަލްއިން ބުނީ ޗައިނާއިން އެތެރެކުރާ މުދަލުގެ ޓެކްސް ބޮޑުކުރުމުން އެޕަލްގެ އުފެއްދުންތަކުގެ ތެރެއިން، އައި-ފޯނު، އައި-ޕެޑްސް، މެކްބުކް، އެޕަލް ވޮޗް، އެއަރޕޮޑްސް އަދި އައި-މެކްގެ އިތުރުންވެސް އެޕަލްގެ ގިނަ އުފެއްދުންތަކަކަށް އެކަމުގެ އަސަރުކުރާނެކަމަށެވެ. އެހެންކަމުން ޗައިނާއިން އެތެރެކުރާ އެއްވެސް މުދަލަކުން ނަގާ ޓެކްސް އިތުރަށް ބޮޑު ނުކުރުމަށް އެޕަލްގެ ސިޓީގައި އިލްތިމާސްކޮށްފައިވެއެވެ. މިއީ އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން އެޕަލްގެ އުފެއްދުންތަކަށް އެކަމުގެ ސީދާ އަސަރުކުރާނެކަން އެޕަލްއިން ހާމަކުރި ފުރަތަމަ ފަހަރެވެ.

އެޕަލް ކުންފުންޏަކީ އެމެރިކާގައި އެންމެ ގިނައިން ވަޒީފާގެ ފުރުޞަތުތައް ހޯދައިދޭ ކުންފުންޏަށްވާއިރު، އަނެއްކޮޅުން އެޕަލްއަކީ ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް އެމެރިކާ ސަރުކާރަށް ދައްކާ ކޯޕަރޭޓެވެ. އަދި އެމެރިކާގެ އިޤްތިޞާދަށް 5 އަހަރު ދުވަހުގެ ތެރޭގައި 350 ބިލިއަން ޑޮލަރު ވައްދާނެކަމަށްވެސް އެޕަލްއިން ވަނީ ހާމަކޮށްފައެވެ.