ޚަބަރު

ޖަލުގައި ހިންގާ ލާއިންސާނީ އަމަލުތައް އަޅުގަނޑު ހުއްޓުވާނަން - އިމްރާން


ޤައިދީންނަށް ދަށު ދަަރަޖައިގެ ލާއިންސާނީ އަމަލުތައް ހިންގުވުން ހުއްޓުވާނެކަމަށް ހޯމް މިނިސްޓަރ އިމްރާނު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ޖަލުގެ ޤައިދީންތަކަކަށް އަނިޔާކޮށް ބައެއް ޤައިދީންގެ ބޯ ގަދަކަމުން ޖަލު އޮފިސަރުން ބާލާފައިވާކަމަށް އަޑުތައް ފެތުރިފައިވަނިކޮށެވެ. އަދި އިއްޔެ ހިނގި ހަަމަނުޖެހުންތަކުގައި އަނިޔާވި ޤައިދީންނަށް ފަރުވާ ނުދޭކަމަށް ބުނެ ޖަލުގައި ހަޅުތާލުކޮށްފައިވާކަމުގެ އަޑުތަކެއްވެސް ފެތުރިފައިވަނިކޮށެވެ. އެހެންނަމަވެސް މި ހުރިހާ ވާހަކަތަކެއް ކަރެކްޝަނުން ވަނީ ދޮގުކޮށްފައެވެ.

އިއްޔެ މާފުށީ ޖަލުގައި ހަމަނުޖެހުންތަކާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިރޭ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޖަލުތަކުގެ ހާލަތަށް އެކަށީގެންވާ ބަދަލެއް އައިސްފައިނުވާކަމަށެވެ. އަދި މީ އެއްދުވަހުން ނުވަތަ ދެދުވަހުން ބަދަލުވާނެކަމެއް ނޫންކަމަށާއި ޤައިދީންނަށް ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތައް ހިންުގުން އެ މަނިކުފާނު ހުއްޓުވާނެކަށެވެ.

ޖަލުގެ ހަމަނުޖެހުންތަކާއި ގުޅިގެން ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓް

މިނިސްޓަރ އިމްރާން މިރޭ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މަންފާ ހޯދުމަށް ޖަލު ހަލަބޮލިކުރުން މާޒީވެއްޖެކަމަށެވެ. ޢަދި އިއްޔެ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޖަލު އެއްވެސް އޮފިސަރަކާއި ދެކޮޅަށް ފުރިހަމަ ތަހުޤީގެއްކުރުމަށްފަހު ނޫނީ ފިޔަވަޅު ނާޅުއްވާނެކަމަށެވެ.

ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުން ތަހުޤީގުކުރަމުންދާކަމަށް އެޗްއާރުސީއެމުންވެސް ވަނީ ބުނެފައެވެ. އަދި މިމައްސަލާގައި ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މާދަމާ 11:00 އަށް ވަނީ ތާވަލުކޮށްފައެވެ