ޚަބަރު

ކޮރަޕްޝަން ނުހުއްޓުވޭ ކަމަށްބުނެ ސްޓޭޓް މިނިސްޓަރަކު އިސްތިއުފާދެއްވައިފި


ކޮރަޕްޝަނާއި ގުޅޭގޮތުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލެއް ނާންނަމަށް ވިދާޅުވެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު އިސްތުއުފާދެއްވައިފިއެވެ.

އިސްތުއުފާ ދެއްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝާފިޢީ އެވެ. މިއީ ރައީސް އިބްރާޙީމް މުޙައްމަދު ޞަލިޙްގެ ސަރުކާރުގެ މިފެންވަރުގެ މަޤާމެއްގައި ހުންނެވި ބޭފުޅަކު އިސްތިއުފާދެއްވި ފުރަތަމަ ފަހަރެވެ.

އިސްތުއުފާދެއްވިކަން ހާމަކުރައްވާ ކުރެއްވި ޓުވީޓެއްގައި މުޙައްމަދު ޝާފިޢީ ވަނީ ރައީސް ޔާމީންގެ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާގޮތޮތަށް އެޅި 25 ބުރީގެ ހޮސްޕިޓަލް މަޝްރޫއުގެ ސޮފްޓްވެއާ ޕްރޮޖެކްޓެއް، މިހާރުގެ ސަރުކާރުންވެސް ކުރިއަށް ގެންދަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިމަހުގެ 18 ވަނަ ދުވަހު މިކަން ހާމަކޮށް ކުރި ޓުވީޓުގައި ޝާފިޢީ ވިދާޅުވީ އެފަދަ ކަންކަން ސަރުކާރުގެ ތެރެއިން ނުހުއްޓުވޭނަމަ ޒީރޯ ޓޮލަރެސްންސް ޓު ކޮރަޕްޝަންގެ ނަމުގައި މިހާރުގެ ސަރުކާރުން ހިންގާ ކެމްޕެއިނަކީ ދައްކާ ދަޅައެއްތޯ ސުވާލު އުފައްދަވާފައެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުން އިސްތިއުފާ ދެއްވަމުން މުޙައްމަދު ޝާފިޢީ ކުރެއްވި ޓުވީޓް

މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު މަޤާމަށް އަޔަންކުރެއްވި ޝާފިޢީ އިސްތިއުފާ ދެއްވަމުން ވިދާޅުވީ، އޭނާގެ ކަންބޮޑުވުންތަކަށް އަޅާނުލާނަމަ ހަމައެކަނި މުސާރައެއް ހޯދުމަށް މަގާމެއްގައި ހުރުމަށް ބޭނުންނުވާ ކަމަށެވެ.

ޝާފިޢީ މިފަދަ ވާހަކަފުޅުތަކެއް ދައްކަވާފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ހެދި މީހުން ތައްޔާރުކުރި ސޮފްޓްވެއާ ބޭނުންކުރުމާއި ގުޅޭގޮތުން ސަރުކާރުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. އަދި އެ މަސައްކަތް ވަކި ބަޔަކަށް ހަވާލުކުތުމަށްވެސް ނިންމާފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. މީގެއިތުރުން އެއްވެސަ އެއްޗެއް ނާންގަވާ އޭނާ އޮފީހަށް ނުނިކުންނަވާތާވެސް ދުވަސްތަކެއް ވަނީ ވެފައެވެ.