ވިޔަފާރި

ބޮއިންގ ކުންފުންޏަށް 200 މަތިންދާބޯޓުގެ އޯޑަރެއް!


އުދުހުން މަނާކޮށްފައިވާ ބޮއިންގ ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ 200 މަތިންދާބޯޓު ގަންނަން ކުންފުންޏަކުން ޝަޢުޤުވެރިކަން ފާޅުކޮށްފިއެވެ.

ބޮއިންގ ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ 200 މަތިންދާބޯޓު ގަންނަން ޝަޢުޤުވެރިކަން ފާޅުކޮށްފައިވަނީ ބްރިޓިޝް އެއަރވޭސްއާއި ޔޫރަޕްގެ އެހެން ބައެއް އެއަރލައިންތައް ހިންގާ، އިންޓަނޭޝަނަލް އެއަރލައިންސް ގްރޫޕު، އައި.އޭ.ޖީންނެވެ. މިއީ މީގެ ދެމަހެއްހާ ކުރިން ބޮއިންގ ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ ބޯޓުތަކެއް ވެއްޓުނު ހާދިސާއަށްފަހު، ބޮއިންގ ކުންފުނީގެ މަތިންދާބޯޓުތަކެއް ގަންނާނެކަން ކުންފުންޏަކުން ހާމަކުރި ފުރަތަމަ ފަހަރެވެ.

ބްރިޓިޝް އެއަރވޭސް އޮޕަރޭޓްކުރާ، އައި.އޭ.ޖީން ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ 200 މަތިންދާބޯޓު ގަންނަން ޝަޢުޤުވެރިކަން ހާމަކޮށްފައިވަނީ ޕެރިސް އެއަރ ޝޯވގެ ތެރެއިންނެވެ. އަނެއްކޮޅުން އައި.އޭ.ޖީއަކީ އެއަރބަސްގެ ނެރޯ ބޮޑީ އެއަރކްރާފްޓްތައް ބޭނުންކުރަމުންދިޔަ ކުންފުންޏަކަށްވުމާއެކު، ބޮއިންގެ މަތިންދާބޯޓުތަކެއް ގަންނަން ނިންމުމަކީ އެކުންފުނިން ގެނައި ބޮޑު ބަދަލެކެވެ.

ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ 200 މަތިންދާބޯޓު ގަތުމަށް އައި.އޭ.ޖީން ނިންމާފައިވާއިރު، އޭގެ އަގު 24 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެއެވެ. ނަމަވެސް ބޮއިންގ ކުންފުނިން، އައި.އޭ.ޖީއަށް ބޮޑު ޑިސްކައުންޓެއް ދޭނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ މަތިންދާބޯޓުތައް ދަތުރުތަކުގައި ބޭނުންކުރުން މިދިޔަ މާޗުމަހު ހުއްޓާލީ އިތިއޯޕިއާއި އިންޑޮނޭޝިޔާގެ ދެ އެއަރލައިނަކުން އޮޕަރޭޓްކުރި ދެ މަތިންދާބޯޓެއް ވެއްޓި، ގިނަ ބަޔަކު މަރުވި ހާދިސާތަކަކަށްފަހުއެވެ.

މަތިންދާބޯޓުތައް ވެއްޓުނު ހާދިސާތަކަށްފަހު ކުރިއަށްގެންދިޔަ ތަހުޤީޤަށްފަހު، ތަހުޤީޤްކުރި ފަރާތްތަކުން ބުނީ މަތިންދާބޯޓުތައް ވެއްޓުނީ ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ ބޯޓުތަކުގައި ހުރި ޓެކްނިކަލް މައްސަލަތަކަކުންކަމަށެވެ.

ބޮއިންގ ކުންފުނިން އެމައްސަލަތައް ހައްލުކުރުމަށް ސޮފްޓްވެއަރއެއް ތަރައްޤީކުރަމުންދާއިރު، މަތިންދާބޯޓުތައް ގަންނަން ނިންމި އައި.އޭ.ޖީ ކުންފުނިން ބުނީ ބޮއިންގ ކުންފުންޏާއި މެދު އިތުބާރެއް އެބައޮތްކަމަށެވެ. އަދި ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ ބޯޓުތައް ކާމިޔާބުކަމާއެކު އަލުން އުދުހެން ފަށާނެކަމުގެ ޔަޤީންކަންވެސް އެބައޮތްކަމަށް އައި.އޭ.ޖީ ކުންފުނިން ބުނެއެވެ.

އައި.އޭ.ޖީ ކުންފުނިން ބޮއިންގެ ބޯޓުތައް ގަންނާނެކަން ހާމަކުރުމާ ގުޅިގެން، ބޮއިންގ ކުންފުނިން ވަނީ އެކަން ފާހަގަކޮށް، އެކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ.

ބޮއިންގ ކުންފުންޏަށް 200 މަތިންދާބޯޓުގެ އޯޑަރެއް ލިބުނު ނަމަވެސް، ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ ބޯޓުތައް އުދުހެން އަލުން ހުއްދަ ދޭނީ އަންނަ އޮގަސްޓްމަހުގެ ތެރޭގައިކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.