ޚަބަރު

ފަނޑިޔާރު ދީދީގެ ތަޙްޤީޤަށް ވަނުމުގެ ފުރުޞަތު މާދަމާ ހެނދުނު 9:00ގައި ހުޅުވާލާނެ


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ތަހުގީގަށް ވަނުމުގެ ފުރުޞަތު މާދަމާ ހެނދުނު 9:00 ފެށިގެން އާންމުންނަށް ހުޅުވާލާނެކަމަށް ޖޭއެސްސީން ވިދާޅުވެއްޖެއެވެ. ދީދީގެ މައްސަލައިގެ ތަހްޤީޤު ކުރިއަށްދާނީ މާދަމާ ހެނދުނު 10:00ގައެވެ.

މި ތަޙްޤީޤު ކުރިއަށްދާއިރު ޕީއެސްއެމް ނިއުސްއިން ވަގުތުން ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޖޭއެސްސީސް ވިދާޅުވީ މި ތަޙްޤީޤް ކުރިއަށްދާނީ ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމުގައި ކަމަށެވެ. އަދި ވީހާވެސް ގިނަ އާންމުނަށް މި ތަޙްޤީޤު ކުރިއަށްދާ ހޯލަށް ވަނުމުގެ ފުރުޞަތު ދޭން ނިންމާފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ. އަދި މި ތަޙްޤީޤު ކުރިއަށްދާއިރު، ތަޙްޤީޤަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ އެފަރާތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

މީގެ އިތުރުން ފެމެލީ ކޯޓުގެ އިސް ޤާޒީ ޙަސަން ސަޢީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަޙްޤީޤުވެސް ކުރިއަށްގެންދަން ނިންމާފައިވަނީ އާންމުކޮށް ހުޅުވާލައިގެންކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ. ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ އިސް ޤާޒީ ޙަސަން ސަޢީދުގެ އެދުމުގެ މަތިންކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެެ.

ފެމެލީ ކޯޓުގެ އިސް ޤާޒީ ޙަސަން ސަޢީދުގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަކާ ގުޅިގެން އޭނާވެސް މިވަގުތު ހުންނެވީ ސަސްޕެންޝަންގައެވެ.

ފަނޑިޔާރު ދީދީގެމައްޗަށް މާދަމާ ކުރާ ތަހުޤީޤު ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ދީދީ ޖޭއެސްސީގައި އެގޮތަށް އެދިވަޑައިގެންފައިވާތީއެވެ. ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ޖޭއެސްސީއަށް ގޮންޖެއްސެވި މައްސަލަ ތަހްޤީޤުކުރުމަށް ޖުޑީޝަލް ސަރވިސްކޮމިޝަން ޖޭއެސްސީން ވަނީ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.

ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރިކަން ހާމަކުރެއްވީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑްކުރީ އޭނާއާމެދު ހުށައެޅިފައިވާ މައްސަލައެއް ފުލުހުން ތަހުޤީގުކުރަމުން ގެންދާތީކަމަށް ޖޭއެސްސީން އެދުވަހު ހާމަކުރެއްވިއެވެ. މިމައްސަލަ ޖޭއެސްސީއަށް ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެނގިފައިވާ ގޮތުގައި ނަޝީދު ހުށައެޅުއްވީ އެމަނިކުފާނަށް ޖަލު ހުކުމެއް އިއްވަން ސުޕްރީމްކޯޓްގެ ބެންޗުގައި ހިމެނިވަޑާއިގަންނަވާ އަބްދުﷲ ދީދީ އެއްމިލިއަން ރުފިޔާ ނެންގެވިކަމަށް ބުނާ މައްސަލައެކެވެ. ފަނޑިޔާރު އަބްދުﷲ ދީދީއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި ކުރިމިނަލްކޯޓްގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ. އަދި އެ މައްސަލަ އަވަސް އަރުވާލައިގެން ކުރިޔަށް ގެންދާކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުންތައް އާމަޒުވިއެވެ. އަދި އެ މައްސަލަ ނިމުނުތާ މާގިނަދުވަސްތަކެއް ނުވަނީސް އަބްދުﷲ ދީދީ ވަނީ ހައިކޯޓްގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަންކޮށްފައެވެ.

އަބްދުﷲ ދީދީ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެ ވާހަކަތައް ދޮގުކުރައްވާ އަބްދުﷲ ދީދީ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ޙައްގު ނޫން ފައިސާއެއް އޭނާއާއި ގުޅުންހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑްކުރިކުރުމަށް ޢަމަލުނުކުރުމަށް އަންގައި އަދި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި މިމަހުގެ 13ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. ސުޕްރީމް ކޯޓުން ނެރުނު ވަގުތީ ޢަމުރުގައި ވިދާޅުވެފައިވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ގެ ސުލޫކީ މައްސަލައެއްގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ އިތުރުން ޢާންމު ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ހުށައަޅާފައިވާ މައްސަލައެއްކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ ސްޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅާފައިވާކަމަށެވެ.

މިއާއެކު މިމައްސަލަ އާމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޖޭއެސްސީގެ ނިންމުމަށް ޢަމަލުކުރުމަށް އަންގައި އަދި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާކަމަށެވެ. މިއާއެކު ފަނޑިޔާރު ދީދީ ޖޭއެސްސީގެ ނިންމެވުމަށް ގޮންޖައްސަވައި މައްސައްކަތަށް ނުކުންނެވި މައްސަލާގައި މިދިޔަ ހޯމަދުވަހުގެރޭ އޭނާވަނީ ޖޭއެސްސީއަށް ޙާޒިރުވެސްކޮށްފައެވެ.

އެއަށްފަހު ޖޭއެސްސީންވަނީ ދީދީގެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައިވާކަން ހާމަކުރައްވާފައެވެ. މިކޮމިޓީ އެކުލަވާލާނީ ޖޭއެސްސީގެ ހުރިހާ މެންބަރުން ހިމެނޭގޮތަށްކަމަށް ހުށަހެޅުމެއް އެކޮމިޝަނަށް ހުށަހެޅުނުކަމަށާ، އެހެންނަމަވެސް އެކޮމިޝަނުގެ މެމްބަރުންގެތެރެއިން ތިން މެންބަރަކު އެކަމަށް ތަނާޒުލުވުމާ ގުޅިގެން ކޮމިޓީ އެކުލަވާލީ އެ ތިން މެމްބަރުން ނުހިމަނާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

ތަނާޒުލުވި މެމްބަރުންނަކީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޢަރީފާއި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ޢަބްދުލްޙަންނާން އަޙްމަދާއި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛާ ލަޠީފާ ޤާސިމެވެ.