ޚަބަރު

އެއަރޕޯޓްގެ ނެރު ފުންކުރާތީ ފަޅަށް ވަނުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ، ހުޅުލޭގެ ފަޅަށް ވަދެ ނުކުތުމުގައި ސަމާލުވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން އިލްތިމާސް ކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މި މަސައްކަތްތައް ކުރަނީ ހުޅުލޭ ނެރު ބަންދު ނުކޮށް ކަމަށްވާތީ ފަޅަށް ވަދެ ނުކުތުމުގައި ސަމާލުވުމުން މުހިންމު ކަމަށެވެ.

ނެރު ފުންކުރުމުގެ އިތުރުން، ނެރުގައި ރިފްލެކްޓަރ ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެމްއޭސީއެލްގައި މިހާރު ބޭނުން ކުރަމުން އަންނަ ނެރަކީ މިދިޔަ އަހަރު އަލަށް ހަދައި ބޭނުންކުރަން ފެށި ނެރެކެވެ. އާ ނެރެއް ތަރައްޤީކޮށްފައިވަނީ ކުރިން ބޭނުންކުރަމުން އައި ނެރު ހުރި ސަރަޙައްދު ބަންދުކޮށް، އެ ސަރަޙައްދު ހިއްކައި ޕާކިންގ އޭރިއާއެއް ހަދާފައިވާތީއެވެ.