ޚަބަރު

ބްރޯޑްކޮމްއިން ޒައިނާއާއި ސޮފްވާން ވަކިކުރުމަށް ހުށައަޅައިފި


ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އިސްމާއިލް ސޮފްވާނާއި މިހާރުގެ ނާއިބު ރައީސް ފާތިމަތު ޒައިނާ އެ ކޮމިޝަނުން ވަކިކުރުމަށް މަޖިލީހަށް ހުށައެޅުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހުށައަޅައިފިއެވެ.

މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން މިއަދު ވަނީ ބްރޯޑްކޮމްގެ ހުރިހާ މެމްބަރުން އެ ކޮމިޝަނަށް ހާޒިރުކޮށް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. މި ބައްދަލުވުމަށްފަހު ސޮފްވާނާއި ޒޭނާ ކޮމިޝަނުން ވަކިކުރުމަށް ހުށައެޅީ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީގެ ނާއިބު މުޤައްރިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމްއެވެ. އެ ހުށައެޅުމަށް ތާއިދުކުރެއްވީ ވެލިދޫ ދާއިރާގެ މެމްބަރުން މުހައްމަދު އަބްދުﷲ ޝަފީގުއެވެ.

މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ބްރޯޑްކޮށް ހާޒިރުކުރީ އެ ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އިސްމާއިލް ސޮފްވާން މަސައްކަތަށް ނުނިކުންނަވާ މުސާރަ ނަންގަވަމުންދާ މައްސަލަ އާއި ގުޅިގެންނެވެ. ސޮފްވާން މަސައްކަތަށް ނުނިކުންނަވާ މުސާރަ ނަންގަވަމުން ގެންދަވާތާ މިހާރު އެތައް މަހެއް ވެެއްޖެއެވެ.

ސޮފްވާން ބްރޯޑްކޮމްގެ ރައީސް ވަނީ މުހައްމަދު ޝަހީބު ރަހީނުކުރިކަމަށް ބުނާ މައްސަލާގައި ހިނގައިދިޔަގޮތް އެ ކޮމިޝަންގެ މެމްބަރުން މިއަދު ވަނީ ކިޔާދެއްވާފައެވެ. އަދި ޕީޕީއެމްގެ ޖަލްސާއެއްގައި ޒައިނާ ބައިވެރިވުމާއި އެ ޖަލްސާ ހުށައަޅާދިން މައްސަލާގައިވެސް ކޮމެޓީން ވަނީ ސުވާލުކޮށްފައެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ރާއްޖެ ޓީވީގެ ކަންކަން ބަލަން އެ ކޮމިޝަނުން އިސްކަންދީގެން މަސައްކަތްކުރިކަމަށާއި އެ ޓީވީ އުވާލުމަށް ކުރީގެ ސަރުކާރުން އެންގިކަމަށް އިއުތިރާފުވެފައެވެ. އަދި އެއް މެމްބަރަކު އަނެއް މެމްބަރަކުގެ ބޮލުގައި ކަންކަން އަޅުވަމުން ގޮސް މުޅި ކޮމިޝަންވަނީ ބޮލާ ފޮށާއެޅިފައެވެ.