ޚަބަރު

ފަނޑިޔާރު ދީދީގެ މައްސަލަ ޢާއްމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ކުރިއަށްގެންދާ އޭނާގެ ތަހުގީގު ދަރުބާރުގޭގައި ޢާންމުކޮށް ހުޅުވާލައިގެން ފަށާ އެކޮމިޝަނުން ނިންމައިފިއެވެ. ދީދީގެ މައްސަލައިގެ ތަހްޤީޤު ކުރިއަށްދާނީ މާދަމާ ހެނދުނު 10:00ގައެވެ.

ޖޭއެސްސީން މިގޮތަށް ނިންމަވާފައިވަނީ މިއަދުއެވެ. މިގޮތަށް ނިންމެވީ މިމައްސަލާގައި ފަނޑުޔާރު ދީދީގެމައްޗަށް ކުރާ ތަހުޤީޤު ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ދީދީ ޖޭއެސްސީގައި އެދިވަޑައިގެންފައިވާތީއެވެ. ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ޖޭއެސްސީއަށް ގޮންޖެއްސެވި މައްސަލަ ތަހްޤީޤުކުރުމަށް ޖުޑީޝަލް ސަރވިސްކޮމިޝަން ޖޭއެސްސީން ވަނީ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.

ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރިކަން ހާމަކުރެއްވީ މިމަހުގެ 12ވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑްކުރީ އޭނާއާމެދު ހުށައެޅިފައިވާ މައްސަލައެއް ފުލުހުން ތަހުޤީގުކުރަމުން ގެންދާތީކަމަށް ޖޭއެސްސީން އެދުވަހު ހާމަކުރެއްވިއެވެ. މިމައްސަލަ ޖޭއެސްސީއަށް ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެނގިފައިވާ ގޮތުގައި ނަޝީދު ހުށައެޅުއްވީ އެމަނިކުފާނަށް ޖަލު ހުކުމެއް އިއްވަން ސުޕްރީމްކޯޓްގެ ބެންޗުގައި ހިމެނިވަޑާއިގަންނަވާ އަބްދުﷲ ދީދީ އެއްމިލިއަން ރުފިޔާ ނެންގެވިކަމަށް ބުނާ މައްސަލައެކެވެ. ފަނޑިޔާރު އަބްދުﷲ ދީދީއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި ކުރިމިނަލްކޯޓްގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ. އަދި އެ މައްސަލަ އަވަސް އަރުވާލައިގެން ކުރިޔަށް ގެންދާކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުންތައް އާމަޒުވިއެވެ. އަދި އެ މައްސަލަ ނިމުނުތާ މާގިނަދުވަސްތަކެއް ނުވަނީސް އަބްދުﷲ ދީދީ ވަނީ ހައިކޯޓްގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަންކޮށްފައެވެ.

އަބްދުﷲ ދީދީ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެ ވާހަކަތައް ދޮގުކުރައްވާ އަބްދުﷲ ދީދީ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ޙައްގު ނޫން ފައިސާއެއް އޭނާއާއި ގުޅުންހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑްކުރިކުރުމަށް ޢަމަލުކުރުމަށް އަންގައި އަދި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި މިމަހުގެ 13ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. ސުޕްރީމް ކޯޓުން ނެރުނު ވަގުތީ ޢަމުރުގައި ވިދާޅުވެފައިވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ގެ ސުލޫކީ މައްސަލައެއްގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ އިތުރުން ޢާންމު ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ހުށައަޅާފައިވާ މައްސަލައެއްކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ ސްޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅާފައިވާކަމަށެވެ.

މިއާއެކު މިމައްސަލަ އާމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޖޭއެސްސީގެ ނިންމުމަށް ޢަމަލުކުރުމަށް އަންގައި އަދި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާކަމަށެވެ. މިއާއެކު ފަނޑިޔާރު ދީދީ ޖޭއެސްސީގެ ނިންމެވުމަށް ގޮންޖައްސަވައި މައްސައްކަތަށް ނުކުންނެވި މައްސަލާގައި މިދިޔަ ހޯމަދުވަހުގެރޭ އޭނާވަނީ ޖޭއެސްސީއަށް ޙާޒިރުވެސްކޮށްފައެވެ.

އެއަށްފަހު ޖޭއެސްސީންވަނީ ދީދީގެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައިވާކަން ހާމަކުރައްވާފައެވެ. މިކޮމިޓީ އެކުލަވާލާނީ ޖޭއެސްސީގެ ހުރިހާ މެންބަރުން ހިމެނޭގޮތަށްކަމަށް ހުށަހެޅުމެއް އެކޮމިޝަނަށް ހުށަހެޅުނުކަމަށާ، އެހެންނަމަވެސް އެކޮމިޝަނުގެ މެމްބަރުންގެތެރެއިން ތިން މެންބަރަކު އެކަމަށް ތަނާޒުލުވުމާ ގުޅިގެން ކޮމިޓީ އެކުލަވާލީ އެ ތިން މެމްބަރުން ނުހިމަނާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

ތަނާޒުލުވި މެމްބަރުންނަކީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޢަރީފާއި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ޢަބްދުލްޙަންނާން އަޙްމަދާއި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛާ ލަޠީފާ ޤާސިމެވެ.